04 ޖުލައި 2022 - 11:27

ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުން ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ސަހަރު ކަމަށްވާ ލީސީޗަންސްކް، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔުމާ ގުޅިގެން، އެ ސަހަރުގައި ތިބި ޔޫކްރޭންގެ ސިފައިން އެ ސަހަރުން ފައިބައިފި ކަމަށް، ޔޫކްރޭން ސަރުކާރުން ބުނެފި އެވެ.
ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މަސްތަކެއް ވަންދެން ދިފާއީ ހަމަލާތަކެއް ދިނުމަށް ފަހު، ޔޫކްރޭން ސިފައިން ލީސީޗަންސްކުން ފޭބީ، ރަޝިޔާ ސިފައިންގެ ހަމަލާތައް ވަރުގަދަކޮށް، މުޅި ސަހަރު ރަޝިޔާގެ ބާރުގެ ދަށަށް ދިއުމުންނެވެ. ޔޫކްރޭނުން އެކަމަށް އެއްބަސްވުމުގެ ކުރިން، ދޮންބާސް ސަރަހައްދު އެކުގައި ހިފާފައިވާ ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން މިދިޔަ ހަފުތާގައިވަނީ ބުނެފަ އެވެ.
ލީސީޗަންސްކުން ޔޫކްރޭން ސިފައިން ފޭބުމާ ބެހޭ ގޮތުން އެ ގައުމުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ދިފާއީ ހަމަލާތައް ހުއްޓައިލުމަށް ފަހު، އެ ސަހަރުން ސިފައިން ފައިބަން ނިންމީ، އެ ސަހަރުގައި ދިރިއުޅޭ އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުންނެވެ. ރަޝިޔާ ސިފައިން ބަރު ހަތިޔާރުން ދޭ ހަމަލާތަކާއި ވައިގެ މަގުން ދޭ ހަމަލާތައް އެތައް ގުނައަކަށް އިތުރުކޮށްފައިވާ އިރު، އިތުރު ސިފައިން ވެސް ވަނީ އެ ސަހަރަށް ޖަމާކޮށް ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ.
އެހެންކަމުން، ދެ ފަރާތުގެ މެދުގައި ބަދަލުކުރެވޭ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ދޮންބާސް ސަރަހައްދުން ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ދެ ސަހަރު ކަމަށްވާ ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކް ވެސް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން، ދޮންބާސް ސަރަހައްދު ގާތްގަނޑަކަށް ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ދިޔައީ އެވެ.
ރަޝިޔާ ސިފައިން ބުނާ ގޮތުގައި ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކްގައި ތިބި ޔޫކްރޭން ސިފައިން އެ ދެ ސަހަރުން ފައިބައިގެން ދިޔުމާއެކު، އެ ދެ ސަހަރުގެ ރަށްބޭރުގައިވާ ކުދި އަވަށްތައް ވެސް މިހާރު ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެވިފަ އެވެ. އެ ދެ ސަހަރު ހިފުމަށް ކުރި ހަނގުރާމައިގައި، ޗެޗްނިޔާގެ ހަނގުރާމަވެރިން ވެސް ރަޝިޔާ ސިފައިންނާ އެކުގައި ބައިވެރިވެ، ޔޫކްރޭން ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.
ޔޫކްރޭންގެ ދޮންބާސް ސަރަހައްދަކީ ސިނާއީ ގިނަ ހަރަކާތްތަކެއް ހިންގާ ސަރަހައްދެކެވެ. ރަޝިޔާގެ ނުފޫޒާ އެކުގައި އެ ސަރަހައްދުގައި އުފެދިފައި އޮންނަ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންވަނީ، ދޮންބާސް ސަރަހައްދު ޔޫކްރޭނުން ވަކިވެ މިނިވަން ސަރަހައްދެއްގެ ގޮތުގައި އޮތުމަށެވެ.
ދޮންބާސް ސަރަހައްދުގައި އޮންނަ ކުދި ޖުމްހޫރިއްޔާތަކުގެ ތެރެއިން ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މިނިވަންކަން އިއުލާންކުރުމާ ގުޅިގެން، ރަޝިޔާ އިން ވަނީ އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ގަބޫލުކޮށްފަ އެވެ.