މަސައްކަތުގެ އުޖޫރަ އަށް ވެސް ދެނީ ޑްރަގްސް
މަސައްކަތުގެ އުޖޫރަ އަށް ވެސް ދެނީ ޑްރަގްސް

އުތުރުގެ ރަށެއްގައި މިދިޔަ މަހު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު އޭނާގެ މުވައްޒަފުންނަށް އުޖޫރައިގެ ގޮތުގައި ވެސް މަސްތުވާތަކެތި ދޭކަން އެނގިއްޖެ އެވެ.

އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި އެ މީހާގެ ގެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށަށް ފެތޭ ވަރަށް މަސްތުވާތަކެތި ވެސް ވަނީ ފެނިފަ އެވެ.

އިމާރާތްކުރުމުގެ މަސައްކަތްކުރާ އެ މީހާއާ އެކު އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

"މިއީ ރަށުގައި މަސްތުވާތަކެތި ވިއްކުމުގައި އިސްކޮށް އުޅޭ ބައެއް. މި މީހުންގެ އިސްކޮށް ހުންނަ މީހާ އަކީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހެއް. ދުވަހުގެ މަސައްކަތް ނިންމާފައި އޭނާގެ މުވައްޒަފުންނަށް ވެސް މި ދެނީ ޑްރަގްސް. އެކުގައި މަސައްކަތްކުރަން ޑްރަގް އެޑިކްޓުން އެބަ ގެންގުޅޭ،" މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި މީހާ އަކީ އާމްދަނީ ހޯދަން އިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް ބޭރަށް ދެއްކިޔަސް އެއީ މަސްތުވާތަކެތީގެ ވިޔަފާރި ފޮރުވަން ކުރާ ކަމެކެވެ.

ފުލުހުން އެ މައްސަލާގައި އެތައް ބަޔަކު ހައްޔަރުކުރި ނަމަވެސް މިކަމުގައި އެންމެ އިސްކޮށް އުޅޭ ކަމަށް ތުުހުމަތުވާ މީހުން ފިޔަވައި އެހެން މީހުން ފަހުން ދޫކޮށްލި އެވެ. މައްސަލަ އަދިވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.