31 ޑިސެމްބަރ 2016 - 13:17

ގުދަންތަކާއި ވޯކްޝޮޕްތައް ފާސްކުރަން އެމްއެންޑީއެފުން ހިންގަމުން އަންނަ "ހިރާސް ފާސް" އޮޕަރޭޝަނުގެ ތެރޭގައި މިހާތަނަށް 1083 ތަން ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 64 ޕަސެންޓު ތަންތަންހުރީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވެވޭނެ ގޮތަކަށް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މާލޭގެ 919 ތަނެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އަދި ހުޅުމާލެއިން 63 ތަނަކާއި ތިލަފުށީން 107 ތަނެއް ވެސް ފާސްކޮށްފައިވެ އެވެ.
"މިހާތަނަށް އެންޓްރީކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް 36 ޕަސެންޓު ތަނެއްގައި ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާއިރު 64 ޕަސެންޓު ތަންތަނުގައި އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް ބޭނުން ނުކުރާކަން ފާހަގަކުރެވިފައި ވެ އެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުންޏެވެ.
މާލޭގައި މިހާރު ބަލާ ފާސްނުކުރެވި ވަނީ ބަންދުކޮށްފައި ހުރުމުން ނުވަދެވި ހުރި ތަންތަން ކަމަށާއި އެ ތަންތަނުގެ ވެރިފަރާތާ ގުޅިގެން ފާސްކުރުުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި މަހުގެ ހަ ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގައި ގުދަންތަކާއި ވޯކްޝޮޕާއި ރެސްޓޯރެންޓު ފަދަ ތަންތަން ބަލާ ފާސްކުރާނެ އެވެ. އަދި އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލްގައި ވެސް އަލިފާނުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލޭގައި މި އޮޕަރޭޝަން ހިންގަނީ މާލެ ހަތަރު ސަރަހައްދަށް ބަހާލައިގެން، 59 ސަބް ޒޯން އެކުލެވޭ ގޮތަށެވެ.
މި ފަދަ ތަންތަން ފާސްކުރުމުގައި ސިފައިން ބަލަނީ އެތަންތަން އިމާރާތްކޮށްފައި ހުރިގޮތާއި އެތަންތަނުގައި ހުރި ތަކެއްޗާއި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކޮށްފައި ހުރިގޮތާއި އެ ފަދަ ވަސީލަތްތައް ހުރިތޯ އާއި އަލިފާން ނިއްވުމަށް އެތަނުގައި ސިފައިންނަށް ހަރަކާތްތެރި ވެވޭނެ ގޮތެވެ. އަދި އެ ފަދަ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވާނެ ގޮތް ވެސް ހުރި ނެތް ގޮތް ސިފައިން ބަލަ އެވެ.
މިދިޔަ ހަފުތާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ހިރާސް ފާސް އޮޕަރޭޝަނުން އެއްކުރެވޭ މައުލޫމާތުތަކަށް ބިނާކޮށް، ގުދަންކުރުމާ ގުޅޭ ހަރުދަނާ އުސޫލެއް ހަދާނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ އުސޫލު އާއްމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ވަނީ އެ އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކޮށް ކަނޑުއުޅަނދުތައް ވެސް ބަލާ ފާސްކުރަން ނިންމައިފަ އެވެ.