03 ޖުލައި 2022 - 19:02

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިލަންދޫގައި ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.
ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ހަވާލުކުރީ ނުވަ މަސްދުވަހުގެ (270 ދުވަސް) ތެރޭގައި ނިންމާ ގޮތަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށެވެ.
އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހަދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.