04 ޖުލައި 2022 - 06:57

ކަރަން ޖޯހަރުގެ ފިލްމު، "ޖުގް ޖުގް ޖިޔޯ" އަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެން ފަށައިފި އެވެ.
ބޮލީވުޑްގެ ތަރިން ކަމަށްވާ، ވަރުން ދާވަން އާއި ކިއާރާ އަދްވާނީ އަދި އަނިލް ކަޕޫރާއި ނީތޫ ކަޕޫރު ލީޑު ރޯލުން ފެންނަ މި ފިލްމު ރިލީޒްކުރީ މިދިޔަ މަހުގެ 24 ގަ އެވެ. މިހާތަނަށް ފިލްމަށް 60 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް އިންޑިއާ އިން އެކަނި ވެސް ލިބިފައިވެ އެވެ.
ފިލްމު ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދަޝް ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާ ބަންދުގައި ފިލްމަށް ބޮޑު ތަރުހީބެއް އިންޑިއާ އިން ލިބުނެވެ. އަދި އިންޑިއާ އިން ބޭރުގައި ވެސް ވަރަށް ބޮޑަށް ތަރުހީބު ލިބެމުން އަންނައިރު އެ ގައުމުތައް ހިމެނޭ ގޮތަށް ފިލްމަށް ލިބުނު އާމްދަނީ 100 ކްރޯޑް ރުޕީސް އިން މައްޗަށް އަރާފައިވާ ކަމަށް އޭނާ ބުންޏެެވެ.
އޮސްޓްރޭލިއާ އާއި ޔޫކޭ އަދި ނޯތު އެމެރިކާގެ ގައުމުތަކުން ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ރާޖް މެހެތާ ޑައިރެކްޓްކޮށް ނެރެފައިވާ ޖުގް ޖުގް ޖިޔޯއަކީ އާއިލީ ކޮމެޑީ ޑްރާމާ އެކެވެ. އެ ފިލްމަކީ ޒުވާން އަދި މެދު އުމުރުފުރާގެ ދެ މަފިރިއެއްގެ ކައިވެނީގައި ޖެހޭ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ.