03 ޖުލައި 2022 - 14:23

ހއ. އާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދަށް މިހާރު ވަނީ މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ލަފާކުރާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ފާއިތުވި ދެ ދުވަހު ވެސް ވަނީ ރާއްޖޭގެ އެތައް ރަށަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ވެފަ އެވެ. ބައެއް ރަށްރަށަށް އާދަޔާ ހިލާފަށް ބޮޑަށް އުދަ އެރި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން 11 އަތޮޅެއްގެ 35 ރަށަކަށް އުދަ އަރައިގެން ރިޕޯޓްކުރި އެވެ. އޭގެ ތެރޭގައި 451 ގެއަކަށް އެކި ކަހަލަ ގެއްލުންތައް ލިބިގެން ވެސް ރިޕޯޓްކޮށްފައިވެ އެވެ.