03 ޖުލައި 2022 - 14:15

މިހާރު ރާއްޖެ އަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، އުދައެރުމުގެ ސަބަބުން 35 ރަށަކަށް ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް، އުދައިގެ ސަބަބުން 35 ރަށަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
ރެއާއި މިއަދު ވެސް ބައެއް ރަށްތަކަށް އުދައެރިޔަސް، ފާއިތުވި ދެ ދުވަހު އުދައެރި ވަރަށް އަރާފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
● އައްޑޫ މަރަދޫ ފޭދު އާއި ތ. ތިމަރަފުށީގެ އެއް އާއިލާ ތިބީ ކައުންސިލްތަކުން ހަމަޖައްސައިދިން ވަގުތީ ހިޔާތަކުގައި.
● ގދ. މަޑަވެލީގެ ހަތަރު އާއިލާއަކަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން އަންނަނީ ކުރަމުން.
● އުދައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ފުލުހުން އަދި ސިފައިން ގުޅިގެން އަންނަނީ ކުރަމުން.
އެ އޮތޯރިޓީން ބުނީ ރެއާއި މިއަދު މޫސުން ގޯސްވެ، ވައި ބާރުވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުތުރުގެ ބައެއް ރަށްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ. ރާއްޖޭގެ އުތުރުން، ހއ. ބާރަށް، ށ. ފޮއްދޫ، ށ. ފުނަދޫ، ށ. ބިލެތްފަހި އަދި ނ. މާޅެންދު އަށް ގެއްލުން ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެކުނުގެ ގިނަ ރަށްރަށަށް އުދައިގެ އަސަރުކޮށް، ތިން ރަށަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށެވެ.
އުދައިގެ ސަބަބުން މިހާތަނަށް އެކި ރަށްރަށުން 451 ގެއަކަށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު ފަހު 2 އިން ފެށިގެން އިރުއޮއްސި 6 އާ ދެމެދު ހއ. އިން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަަތު ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވައިގަވެ، ބޯކޮށް ވާރޭވެހި އަދި ކަނޑުތައް ގަދަވާނެތީ ވަނީ ވައިޓް އެލާޓް ނެރަފަ އެވެ.