03 ޖުލައި 2022 - 13:29

ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ކާރިސާއާ ގުޅިގެން އަގުތައް އުފުލޭތީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ބަދަލުތައް ގެންނަން ސަރުކާރުން އެކި ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. މި މަޝްވަރާތައް ކުރިއަށް ދަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށް އެމިނިސްޓްރީން ބުންޏެވެ
ނަމަވެސް ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް އަދި ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސުން ބުނީ، ޓީޖީއެސްޓީ އަދި ޖީއެސްޓީއަށް ބަދަލު ގެންނާނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހު އެ ފަރާތްތަކުން ބޭނުންވާ ގޮތްތަކަށް ބަލައިގެން ކަމަށެވެ.
މިދިޔަ ހަފްތާގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެކު ވެސް ފިނޭންސް މިނިސްޓްރީން މި ކަމުގެ މަޝްވަރާތައް ކުރި އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، ފިނޭންސުން ހުށަހެޅި ޕްރޮޕޯސަލްގައި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުގެ ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިޔާސް ވިދާޅުވީ މިފަދަ ބަދަލެއް ގެންނައިރު ޓޫރިޒަމް ދާއިރާއަށް އެންމެ މަދުވެގެން އަހަރެއްހާ ދުވަސް ދިނުން ވަރަށް މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެންގެ ޓުއާ އޮޕަރޭޓަރުން ބުކިންސް އެބަ ނަގާ ކުރިއަށް އޮތް ހަ މަހަށް. އެހެންވީމަ މިފަދަ ބަދަލެއް ގެންނަން ހަ މަހަކީ ކުޑަ މުއްދަތެއް،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިގްތިސާދީ އުނދަގޫ ހާލަތުގައި ގެންނަ މި ބަދަލުން އެންމެ ބޮޑު އަސަރެއް ކުރާނީ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކަމަށެވެ. އަދި މި ގެންނަ ބަދަލުން ޓޫރިޒަމް ދާއިރާއަށް ކުރިމަތިވާނެ ގެއްލުންތައް ދިރާސާކޮށް އެ މައުލޫމާތުތައް އެކުލަވާލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އެއަށްފަހު 2012 އަހަރުގެ ހަ ޕަސެންޓުގެ ޓީޖީއެސްޓީ ބޮޑު ކުރި އެވެ. އެންމެ ފަހުން ޓީޖީއެސްޓީއަށް ބަދަލު ގެނެސްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ ޓީޖީއެސްޓީން 12 ޕަސެންޓް ނަގަން ނިންމާފަ އެވެ.