ރަހިމު ފަޅާލާފައި ދަރިފުޅުގެ ފައި ނިކުމެއްޖެ
ރަހިމު ފަޅާލާފައި ދަރިފުޅުގެ ފައި ނިކުމެއްޖެ

ފެންނައިރު ހީވަނީ މައިމީހާގެ ރަހިމުގައި އޮތް މި ކުއްޖާ ފައިން ޖަހައި މަންމަގެ ބަނޑު ފަޅާލާފައި ނުކުމެފައިވާ ހެންނެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ "ރަޕްޗާ ޕްރެގްނަންސީ" އެކެވެ. މިހާތަނަށް މުޅި ދުނިޔޭގައި ވެސް ރެކޯޑް ކުރެވިފައިވަނީ މިފަދަ 26 ކޭހެވެ.

މިހެން ވެފައި ވަނިކޮށް އެމްއާރްއައި އިން އެ މަންޒަރު ނަގާފައިވަނީ މާބަނޑު މީހާގެ ޑޮކްޓަރެވެ. ޑޮކްޓަރު ވެސް ވިދާޅުވަނީ މުޅި ހަޔާތުގައި ވެސް މިފަދަ ކަމެއް ނުދެކޭ ކަމަށެވެ.

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައިވާ ގޮތުން އުމުރުން 33 އަހަރުގެ މި އަންހެންމީހާގެ ރަހިމުގެ ބޭރު ފަށަލައިން އެއް އިންޗި އިރައިގެން ގޮސްފައިވެ އެވެ. މި އިރައިގެން ދިޔަ ތަނުން ކުއްޖާ އޮތް ފެންދުލީގެ ގާތްގަނޑަށް 19x12x9 ސެންޓިމީޓަރުގެ ބައެއް ނުކުމެފައިވެ އެވެ.

ފްރާންސްގެ އެންގާޒް ޔުނިވަސިޓީ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޕިއެރޭ އެމަނުއަލް ބުއެޓް ލިޔުއްވާފައިވާ ރިޕޯޓުގައިވާ ގޮތުން މިފަދަ ގޮތަކަށް ދިމާވި މީހަކާ ދުވަހަކު ވެސް ދިމައެއް ނުވެ އެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި މި އަންހެންމީހާ ބަލިވެ އިނދެ 22 ހަފުތާގައި އޭނާގެ ރަހިމުން ތަންގަނޑެއް އިރައިގެން ގޮސް ވާތްފަރާތު ޔޫޓެރީން ފޫއަޅުވާފައި ފެން ދުލި ނުކުމެފައިވާ ކަމަށް އަލްޓްރާސޯނޮގްރަފީން ފެނިފައިވާ ކަމަށެވެ.

މިކަން ދިމާވި މީހާ އަކީ މީގެ ކުރިން ފަސް ފަހަރު ސިޒޭރިއަން ހަދާފައިވާ މީހެކެވެ.

މިގޮތަށް ދިމާވުމުން މައިމީހާއަށް ދިމާވެދާނެ ވަރަށް ގިނަ ސިއްހީ ނުރައްކާތައް ހުރެ އެވެ. އޭގެ ތެރޭގައި ޔުޓެރީން ފަޅައިގެންދިއުމާއި ޕްލެސެންޓާ އެކްރީޓާ އަދި ރަހިމު ނަގަން ޖެހުމާއި ދުވަސް ނުފުރާ ވިހެއުން ހިމެނެ އެވެ. ނަމަވެސް މި އަންހެންމީހާ ބޭނުންވީ މޮނިޓާ ކުރަމުން ދުވަސް ފުރެންދެން މަޑުކުރެވޭތޯ ބެލުމަށެވެ.

އެގޮތުން ބަނޑަށް 30 ހަފުތާ ވީއިރު ޑޮކްޓަރުން ފާހަގަ ކުރެވުނީ ޔޫޓެރީން ބޭރު ފަށަލައިން އިރައިގެން ގޮސްފައިވާ ބާގަނޑު ބޮޑުވެ ބަނޑުގައި އޮތް ދަރިފުޅުގެ ފަޔާއި އެއް ބައި ފެން ދުއްޔާ އެކު ބޭރަށް ނުކުމެފައި ވަނިކޮށެވެ. އެހެންވެ އަވަހަށް ސިޒޭރިއަން ހަދައިގެން ކުއްޖާ ނަގައި ހަލާކުވެފައިވާ ތަންތަން ފެހީ އެވެ. އަދި ދެ މައިންނަށް ވެސް ފަހުން އިތުރު ސިއްހީ މައްސަލައެއް ކުރިމަތިނުވާކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައިވެ އެވެ.