ކަންގަނާ އަށް މި އަހަރުގެ އުންމީދަކީ ކައިވެނިކުރުން
ކަންގަނާ އަށް މި އަހަރުގެ އުންމީދަކީ ކައިވެނިކުރުން

ކަންގަނާ ރަނާވަތަކީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ޖެހިލުން ކުޑަ، ކޮންމެ ވާހަކައެއް ވެސް ވަރަށް ފާޅުގައި ބުނާ މީހެކެވެ. ޕްރޮފެޝަނަލް ސުވާލެއް ކުރިޔަސް، ޒާތީ ދިރިއުޅުމާ ބެހޭ ސުވާލެއް ކުރިޔަސް ފަސްޖެހުމެއް ނެތި ޖަވާބުދެ އެވެ.

މި އަހަރު ކަންގަނާގެ ފަރާތުން ކުރަންވީ އުންމީދަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ބުނީ އެއީ ކައިވެނި ކަމަށެވެ. އެ ޖަވާބާ އެކު ދެން އައީ ކުރިމަތި ނުވެ ނުދާނެ ސުވާލެވެ. ކައިވެނިކުރާނީ ކާކާތޯ ސުވާލުކުރި އެވެ. އެކަމަކު އެ ސުވާލަށް ކަންގަނާގެ ޖަވާބު އައީ ހަމައެކަނި ހިނިތުންވުމަކުންނެވެ. އެއްވެސް އެއްޗެކޭ ނުބުންޏެވެ.

ފާއިތުވީ އަހަރަކީ ކަންގަނާގެ ޚަބަރުތައް ގިނަ އަހަރެކެވެ. އޭނާ އާއި ރިތިކް ރޯޝަންއާ ދެމެދުގައި ހިނގި ހޫނު ބަހުސްތަކާއި ވަރުގަދަ ހަނގުރާމައިގެ ވާހަކަތަކެވެ. އެކަން އަދިވެސް ނުނިމެ އެވެ.

ކަންގަނާގެ މިއަހަރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ 24 ގައި ރިލީޒްކުރާ "ރަންގޫން" އެވެ. މި ފިލްމުގައި އޭނާގެ ކޯސްޓާރުންނަކީ ސައިފް އަލީ ޚާން އާއި ޝާހިދު ކަޕޫރެވެ.