03 ޖުލައި 2022 - 07:14

ފިލްމީ ތަރި ސުޝްމީތާ ސެން ބޮލީވުޑަށް ނިކުތް ފިލްމު ކަމަށްވާ "ދަސްތަކް"ގެ މަސައްކަތް ކުރިއަށް ދިޔައިރު، ޑައިރެކްޓަރު މަހޭޝް ބަޓް މަލާމާތްކުރި ކަމަށް އޭނާ ބުނެފި އެވެ.
"ދަސްތަކް" އަކީ 1996 ވަނަ އަހަރު މަހޭޝް ޑައިރެކްޓްކޮށް ނެރުނު ސައިކޮލޮޖިކަލް ތުރިލާއެކެވެ.
އެ ފިލްމު ކުޅުމަށް މަހޭޝް، ސުޝްމީތާ އެއްބަސްކުރުވީ މިސް ޔުނިވާސްގެ ތާޖު 1994 ގައި އޭނާ އުފުލާލުމުންނެވެ.
"ތުވީކް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ސުޝްމީތާ ވަނީ މަހޭޝްއާ އެކު މަސައްކަތްކުރި ދުވަސްވަރުގެ ހަނދާންތައް އާކޮށް ވާހަކަދައްކައިފަ އެވެ.
އޭނާ ބުނީ އެމެރިކާގެ ކެލިފޯނިއާގައި ހުރުމަށް ފަހު، އާއިލާގެ ގާތަށް އިންޑިއާ އަށް ޒިޔާރާތްކުރިތަނާހެން މަހޭޝް އޭނާ އަށް ގުޅައި، ބައްދަލުކުރި ކަމަށެވެ. އަދި އޭނާ އެދުނީ ފިލްމެއްގައި "ސުޝްމީތާ ސެން"ގެ ރޯލު ކުޅުމަށް ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އެކަމަށް އެއްބަސްވެ ފިލްމުގެ ޝޫޓިންތައް ފެށި ކަމަށާއި އެކަމަކު ޝޫޓިންގެ ތެރެއިން މަންޒަރެއް ރަނގަޅަށް ނުކުޅެވުމުގެ ސަބަބުން، 40 މީޑިއާ އާއި މުޅި ޕްރޮޑަކްޝަން ކްރޫގެ ކުރިމަތީގައި އޭނާއާ ދިމާލަށް ހަޅޭލަވައިގަތް ކަމަށެވެ.
"އަހަރެން ބުނިން އަހަންނަށް އެކްޓްކުރަން ނޭނގެއޭ ވެސް. ދެން ގުޅީ ކީއްކުރަން؟" އޭނާ ބުންޏެވެ.
މަހޭޝްއާ ދިމާލަށް އެހެން ބުނުމުން، މިސް ޔުނިވާސްގެ ރޯލު ކުޅެނީ އެގޮތަށްތޯ އޭނާއާ ސުވާލުކުރި ކަމަށާއި އަދި ދިރިއުޅުމުގައި ކުރިއަށް ދާން އޭނާ އަށް އެކްޓް ނުކުރެވޭނެ ކަމަށް ބުނެ މަހޭޝް މަލާމާތްކުރި ކަމަށް ވެސް ބުންޏެވެ.
ސުޝްމީތާ ބުނި ގޮތުގައި، އެކަމާ ރުޅިއައިސް، އޭނާ ސެޓުން ނުކުންނަން ހިނގައިގަތް ތަނާހެން މަހޭޝް އޭނާ ހުއްޓުވައި، އަލުން އެ މަންޒަރު ނަގަން އެދުނު ކަމަށެވެ. އަދި އެއައި ރުޅިގަނޑުގައި ވަރަށް ރަނގަޅަށް އެ މަންޒަރު ކުޅެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
ސުޝްމީތާ ބުނީ 90ގެ އަހަރުތަކުގައި ޑައިރެކްޓަރުން އަންހެން ތަރިންނަށް ވަރަށް ގަދަ އަށް ހަޅޭލަވާ ހެދިޔަސް، ފިރިހެން ތަރިއަކާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ. އޭރު އެ ކަހަލަ ތަފާތުކުރުންތައް ވަރަށް ގިނަ ކަމަށް ބުންޏެވެ.
ސުޝްމީތާ އަކީ "ބީވީ ނަމްބަރު ވަން" އާއި "މޭ ހޫނާ" ކަހަލަ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ބެލުންތެރިންގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.