އަނުޝްކާއާ އެންގޭޖްވީ ކަމަށް ދެކެވޭ ވާހަކަ ވިރާޓު ކޯލީ ދޮގުކޮށްފި
އަނުޝްކާއާ އެންގޭޖްވީ ކަމަށް ދެކެވޭ ވާހަކަ ވިރާޓު ކޯލީ ދޮގުކޮށްފި

އަނުޝްކާ ޝަރުމާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ މިއަދު އެންގޭޖްވާން އުޅޭ ކަމަށް ބުނެ ފެތުރި ވާހަކައެއް ދޮގުކޮށްފި އެވެ.

މިހާރު އަނުޝްކާއާ އެކު އިންޑިއާގެ ދެހެރާދޫންގައި ޗުއްޓީ ހޭދަކުރަމުންދާ ވިރާޓު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާ އާއި އަނުޝްކާ އެންގޭޖްވާން ނޫޅޭ ކަމަށާއި އެންގޭޖްވާ ނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ. އޭނާ ބުނެފައި ވަނީ ނިއުސް ޗެނަލްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާތީ ހަގީގަތް ހާމަކުރުމަށް މި ވާހަކަ ބުނަން ޖެހުނީ ކަމަށެވެ.

އަނުޝްކާ އާއި ވިރާޓު އެންގޭޖްވާ ވާހަކަ ދެކެވެން ފެށީ ހިންދޫ މީހުން އެންގޭޖްވާއިރު ކުރާ ކަމެއް ދެ މީހުން ކުރާތަން ބަޔަކު މީހުން ފޮޓޯ ނަގައި ސޯޝަލް މިޑިއާގައި އާއްމުވުމުންނެވެ.

ވިރާޓުގެ އިތުރުން އަނުޝްކާގެ ތަރުޖަމާނު ވެސް ވަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އޭނާ ބުނީ އަނުޝްކާ އާއި ވިރާޓުގެ އެންގޭޖްމަންޓްގެ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ދެ މީހުން އުޅެނީ ޗުއްޓީ ހޭދަކޮށްލަން ގޮސް ކަމަށެވެ.