ފެންބޮޑުވުމުން "ފްލޯޓްވާ" ގެއެއް ޖަޕާނުގައި ހަދައިފި
ފެންބޮޑުވުމުން "ފްލޯޓްވާ" ގެއެއް ޖަޕާނުގައި ހަދައިފި

އެއްގަމުގައި ފެންބޮޑުވުމުން "ފްލޯޓްވާ" ނުވަތަ ފެނުގެ މަތީގައި އޮންނާނެ ގެއެއް ޖަޕާނުގައި ހަދައިފި އެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ އިޗިޖޯ ކޯމުތެން އިން ހެދި އެ ގެއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އެ ގެއަށް އެ މީހުން ކިޔަނީ ވެސް "ފްލަޑް ފްލޯޓިން ހައުސް" ނުވަތަ ފެންބޮޑުވުމުން ފެނުގެ މަތީގައި އޮންނަ ގެއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ އެ ގޭގެ ވީޑިއޯއިން ފެންނަ ގޮތުގައި ފެންބޮޑުވިޔަސް، ތަފާތު ޑިޒައިނަކަށް އިމާރާތްކޮށްފައިވާ އެ ގޭގެ އެތެރަށް ފެނެއް ނުވަދެ އެވެ. އަދި ފެންގަނޑު ބޮޑުވާވަރަކަށް، ފެނުން މައްޗަށް އެ ގެ އަރަ އެވެ.

ޖަޕާނުގެ ޓީވީއަކަށް އެ ކުންފުނިން ދިން އިންޓަވިއުއެއްގައި ބުނީ އެއީ ހަމަ އާދައިގެ ގެތަށް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ގެއެއް ކަމަށާއި އެކަމަކު އެ ގެގޭ ވަށައިގެން ފެންބޮޑުވެއްޖެ ނަމަ، އެ ގެ ފެނުން މައްޗަށް އަރާނެ ކަމަށެވެ.

"ހަމަ ފެންބޮޑުވާ ވަރަކަށް އެ ގެ ދާނީ މައްޗަށް އަރަމުން،" އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ގެ ހަދާފައި ވަނީ އަޔަން ރޮޑް ބޭނުންކޮށްގެންނެވެ. ބިމުގައި އެ ގެ ބަހައްޓަނީ ފަލަ ކޭބަލްތަކެއް ގުޅައިފަ އެވެ. އެކަމަކު، ފެންބޮޑުވުމުން އެ ކޭބަލްތައް އަމިއްލަ އަށް ދޫވެ، ގެ މައްޗަށް އަރާނެ އެވެ. އަދި ފެންގަނޑު ހިނދޭ ވަރަކަށް ގެ މަޑުމަޑުން ތިރިވާނެ ކަމަށެވެ.

"އެ ގޭގައި އިލެކްޓްރިކް ސާމާނު ހުންނާނީ ވީހާ ވެސް ބޮޑަށް މަތީގައި ހަރުކޮށްފައި، އޭގައި ފެން ނުޖެހޭ ގޮތް ހަދަން. އަދި ފެންބޮޑުވުމުން ފަސް މީޓަރު މައްޗަށް އުފުލުމުގެ ގާބިލުކަން އެ ގޭގައި ހުންނާނެ،" އެ ކުންފުނިން ބުންޏެވެ.

ޖަޕާން ކަހަލަ ފެންބޮޑުވުމާއި ރާޅުއެރުން ފަދަ ހާދިސާތައް އާންމު ގައުމުތަކަށް މިއީ ވަރަށް ބޭނުންތެރި ގެއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.