01 ޖުލައި 2022 - 14:13

ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރާކަމުގެ ރިޕޯޓް 12:24 ގައި ލިބިގެން އެ މައްސަލައިގައި ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް ބައެއް މީހުންނާއި އާއްމުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖުއްބާއެއްލައިގެން ބޮލުގައި ފަގުޑި އަޅައިގެން ހުރި މީހަކު ވަނީ މިންބަރަށް އަރައި، އެ މިސްކިތުގައި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ. ބައެއް ކަންކަމުގައި ހިތްހަމަނުޖެހުންފާޅުކޮށް އަޑުގަދަކޮށް، ހަޅޭއްލަވާފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އިވޭ ގޮތުގައި މިންބަރަށް އަރައި ހުރެ، އޭނާއަށް ހޭލެވިފައިވަނީ މާލަހުން ކަމަށާއި މިވަގުތު ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރުގެ ސަބަބުން ދައްޖާލު އަރައިފި ނަމަ، ސަލާމަތްވާނެ ހަމަ އެކަކު ވެސް ނެތް ކަމަށް ބުނެފަ އެވެ.
އޭނާގެ ވާހަކަތައް އެ ހިސާބަށް ދިއުމުން އިމާމު މީހާ ވަނީ އެތަނުން ފޭބުމަށް ތަކުރާރުކޮށް އެދިފަ އެވެ.
އެކަމަކު އޭނާގެ ވާހަކަތައް ހުއްޓާނުލާ ކުރިއަށް ގެންދެ އެވެ. ހަތިމެއް އެއް އަތަށް ލައިގެން ހުރެގެން އެ މީހާ ވަނީ ދައްޖާލުގެ ކިބައިން ސަލާމަތްވާނީ އޭގައިވާ 18 ވަނަ ސޫރަތް ކިޔަވައިގެން ކަމަށް ބުނެފަ އެވެ.
އެ ހިސާބުން ހުކުރަށް ގޮސް ތިބި މީހުން އޭނާ އެތަނުން ބޭލުމުގެ މަސައްކަތް ކުރަން ފަށަ އެވެ. އެއާ އެކު އޭނާއަކީ މޮޔައެއް ނޫން ކަމަށް އޭނާ ބުނާ އަޑު އިވެ އެވެ.
"މި ހުތުބާއޭ މިދެނީ. މަ ގޮވަނީ ހައްގަށް،" މިސްކިތުގެ ހުރުމަށް ނުކެނޑުމަށާއި އެތަނުން ފޭބުމަށް މީހަކު ބުނުމުން އޭނާ ބުންޏެެވެ.