01 ޖުލައި 2022 - 15:06

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު، ނުޕޫރް ޝަރްމާ ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު ހުރިހާ ހަމަނުޖެހުމެއްގެ ޒިންމާ ނަގަންޖެހޭނީ އޭނާ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
ކޯޓުން މިހެން ބުނެ ރައްދުދިނީ ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ނުޕޫރުއާ ދެކޮޅަށް ހިންގާ ތަހުގީގުތައް ހުއްޓުވައިދިނުމަށް އެދި އޭނާ ހުށަހެޅި މައްސަލައެއްގެ ހުކުމުގަ އެވެ.
ކޯޓުން ބުނީ ނުޕޫރްގެ ވާހަކަތަކުގެ ސަބަބުން މުޅި ގައުމުގައި "ހުޅު ރޯވި" ކަމަށެވެ. އަދި ޓީވީ ޗެނަލަކަށް އަރައި ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް އޭނާއަށް އެންގި އެވެ.
ޓީވީ ޕްރޮގްރާމެއްގައި، ކީރިތި ރަސޫލާއަށް ނުޕޫރު ފުރައްސާރަކުރުމުން އިންޑިއާގެ މުސްލިމުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި މުސްލިމުން ވަނީ އެކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފަ އެވެ.
ކޯޓުން ނުޕޫރުގެ މައްސަލަ ބޭރުކޮށްލީ، އޭނާގެ ޕެޓިޝަނުން އޭނާގެ ގޮތް ދޫނުކުރުން ހާމަވާ ކަމަށާއި ފަނޑިޔާރުންނަކީ ވެސް އޭނާގެ ކުރިމަތީގައި އެއްވެސް ބަޔަކަށް ނުހަދާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ނުޕޫރުގެ ވަކީލު ބުނީ ނުޕޫރް ދެއްކި ވާހަކަތައް އަނބުރާ ގެންގޮސް، މާފަށް ވެސް އެދިފައިވާ ކަމަށެވެ.
އެކަމަކު ކޯޓުން އެ މައްސަލާގައި މާފަށް އެދިފައި ވަނީ މާފަށް އެދެން ޖެހޭ ގޮތަށް ނޫން ކަމަށާއި މާފަށް އެދިފައި ވަނީ ވެސް ޝަރުތެއް ހިމަނައި އަދި މާ ލަހުން ކަމަށެވެ.
"ޕާޓީއެއްގެ ތަރުޖަމާނަކަށް ވުމަކީ ފުރައްސާރަކުރަން ލިބޭ ލައިސެންސެއް ނޫން." ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލަ ހޫނުވުމާ އެކު ބީޖޭޕީން ވަނީ ތަރުޖަމާނުގެ މަގާމުން ނުޕޫރް ސަސްޕެންޑްކޮށްފަ އެވެ.
އިސްލާމީ ގައުމުތަކުން އިންޑިއާއާ މެދު ނުރުހުން ފާޅުކުރުމުން ބީޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީއަކީ ހުރިހާ ދީނަކަށް އިހުތިރާމުކުރާ ޕާޓީއެއް ކަމަށާއި އެއްވެސް ދީނެއްގެ ޝަހުސިއްޔަތަށް ފުރައްސާރަކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ބީޖޭޕީގެ ސިޔާސަތާ ހެދި އެ ޕާޓީގެ ވާހަކަތައް މީހުން ގަބޫލެއް ނުކުރެ އެވެ.