މި އަަހަރަށް ލަފާކުރި ޓޫރިސްޓުންގެ 50 ޕަސެންޓް އަތުވެއްޖެ
މި އަަހަރަށް ލަފާކުރި ޓޫރިސްޓުންގެ 50 ޕަސެންޓް އަތުވެއްޖެ

މި އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު ހަ މަސް ތެރޭގައި 50 ޕަސެންޓް ރާއްޖެ އަތުވެއްޖެ ކަން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ހަ މަސް ތެރޭގައި ރާއްޖެއަށް އަށް ލައްކަ ޓޫރިސްޓުން އަ އެވެ. މިދިޔަ މަހު އެކަނި އެއްލައްކަ ޓޫރިސްޓުން އެތެރެވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ވޭތުވެދިޔަ ހަ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މާޗް މަހު އެވެ. އެއީ، 150،000 ޓޫރިސްޓުންނެވެ.

ވޭތުވެދިޔަ ހަ މަސް ތެރޭގައި ރާއްޖެއަށް ކޮންމެ މަހަކު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 119،000 ޓޫރިސްޓުން އައިއިރު، ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 96،000 ޓޫރިސްޓުންނެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 81،000 ޓޫރިސްޓުން ރާއްޖެ އަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެސަރަހައްދުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. ހަނގުރާމައިގެ ކުރިން އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ސަރަހައްދެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އެ ސަރަހައްދުން ޓޫރިސްޓުން އައުން އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،600 ޓޫރިސްޓުން އާދެ އެވެ. މިއީ މެއި މަހަށް ވުރެ 400 ޓޫރިސްޓުން މަދު އަދަދެކެވެ. މިދުވަސްވަރަކީ ރާއްޖެއަށް އާންމުކޮށް ވެސް ޓޫރިސްޓުން މަދުން އަންނަ ދުވަސްވަރު ނަމަވެސް، މިއަހަރު ވާނީ އޮފް ސީޒަންގައި އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަހަރަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.