01 ޖުލައި 2022 - 12:21

އެމްއެންޑީއެފްގައި 34 އަހަރު ހިދުމަތްކުރެއްވި ކުރީގެ ތަރުޖަމާނު، މޭޖާ އިބްރާހިމް އާޒިމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމު ހަ އަހަރު ވަންދެން އޭނާ ފުރުއްވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުުރަން ބޭނުންވޭ މީޑިއާތަކަށް. ހަބަރުތައް ޝާއިއުކޮށްދީ އަޅުގަނޑަށް ދިން އެއްބާރުލުމަށްޓަކައި،" ސިފައިންގެ ހިދުމަތާ ގުޅޭ އެކި ކަންކަމުގައި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކާ ގާތް ގުޅުމެއް ބޭއްވި އާޒިމް ވިދާޅުވި އެވެ.
އޭނާ މަގާމުން ރިޓަޔާކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމަކު މަގާމުން ރިޓަޔާކުރެއްވި ނަމަވެސް ފުރުސަތުތައް ލިބެމުންދާ ވަރަކަށް ގައުމަށް ހިދުމަތްކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް އާޒިމް ވިދާޅުވެ އެވެ.
އާޒިމް ވަނީ އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގައި ވެސް 23 އަހަރު އުޅުއްވައިފަ އެވެ.
އާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.