ވަކިކޮށްފައި ނެރޭ ކުނި ގެންދަނީ އެއްކޮށްލައިގެންނެއް ނޫން: ވެމްކޯ
ވަކިކޮށްފައި ނެރޭ ކުނި ގެންދަނީ އެއްކޮށްލައިގެންނެއް ނޫން: ވެމްކޯ

ގޭބީސީތަކުން ކުނި ވަކިކޮށްގެން ނެރެން މަޖުބޫރުކުރުމަށް ފަހު، ވެހިކަލްގައި ގެންދަނީ ހުރިހާ ކުންޏެއް އެއްކޮށްލައިގެން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތު ވެމްކޯ އިން މިއަދު ދޮގުކޮށްފި އެވެ.

ވެމްކޯގެ މުވައްޒަފުން ގެތަކުން ކުނި ގެންގޮސް ވެހިކަލަށް އަޅާ މަންޒަރުގެ ވީޑިއޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ ވެމްކޯ އިން ހިންގަނީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. ކުނި ވަކިކޮށްގެން ނެރުމަށް އާންމުންނަށް މަޖުބޫރުކުރުމަށް ފަހު އެހާ ބޮޑަށް އޮޅުވާލާނެ ކަމަށް އެއްގޮތަކަށް ހީނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވަކިވަކި ކުނި އަޅާނީ ކުރިން ވެސް އެޅި ލޮރީތަކަށް އެއްކޮށް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ވެމްކޯ އިން ކުނި އުކުމުގެ މަސައްކަތް ކުރަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް ވިދާޅުވެފަ އެވެ.

"ވަކިކުރި ކުނި އަޅާލަނީ ކުރިންވެސް އެޅި ލޮރީއަށް، އެއްކޮށް. މިހެން ނުހެދުމަށް ވެމްކޯ އަށާއި ސަރުކާރަށް ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ވެމްކޯގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އެކަން ބެލިއިރު ވެމްކޯގެ މުވައްޒަފުން ކުނި ނެރެގެން ގޮސް ޓްރަކަށް އަޅައި އުކާލާ ސަރަހައްދަށް ގެންދަނީ ފަހުން އަމަލުކުރަން ނިންމި އުސޫލާ އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެމްކޯ އިން ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް އަދި އެހެނިހެން ކުނިތައް ވެސް މުވައްޒަފުން އުކާލަމުންދަނީ ވަކިވަކިންނެވެ.

އޮފިޝަލް ވިދާޅުވީ ކުނިވާ ޒާތުގެ ކުނިތައް އުކާލަނީ އިރުއޮއްސި 6 އަކުން ރޭގަނޑު 10 އަކާ ދެމެދު ކަމަށާއި އެ ކުނިތައް ނަގައި ތިލަފުއްޓަށް ފޮނުވާލުމަށް ފަހު އަނެއްކާ ވެސް މާލެ ތެރޭގައި ޖަމްބޯ ބޭގްތަކަށް އަޅާފައިވާ އެހެނިހެން ކުނިތަކާއި ޕްލާސްޓިކް ފުޅިތައް ނެގުމުގެ މަސައްކަތްކުރަނީ ހަމަ އެއް އުޅަނދުތަކެއްގައި ކަމަށެވެ.

"އެއް ވެހިކަލްތަކެއް ރޮޓޭޓްވާތީ ހީވަނީ ކަންނޭނގެ ހުރިހާ ކުންޏެެއް އެއްކުރަނީއޭ. އެކަމަކު ހުރިހާ ޒޯނެއްގައި ވެސް ކުނި ވަކިކޮށްގެން ނަގަމުންދާނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބައެއް ގޭބިސީތަކުން ޕްލާސްޓިކް ފުޅިއަށް ކުނިވާ ޒާތުގެ ކުނިތައް އަޅާފައި އުކާލާ ކަމަށެވެ. އެހެންވެއްޖެ ނަމަ، އެ ވެސް އުކާލަނީ ކުނިވާ އެއްޗެހީގެ ބައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަހަލަ މައްސަލަތަކާ ހުރެ ރަނގަޅު އިންތިޒާމުތަކަކާ އެކު ކުނި ވަކިކޮށް ނެރުމަށް އެންގުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ކުނި ވަކިކޮށްގެން އުކާލަން ފެށީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ. އޭގެ ކުރިން މާލޭގެ ގޭބިސީތަކުން ކުނި އުކާލަމުން ދިޔައީ ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކާއި އަދި އެހެނިހެން ބާވަތްތަކުގެ ކުނިތައް ވެސް އެއް ކޮތަޅަކަށް އަޅައިގެންނެވެ.