03 ޖުލައި 2022 - 07:07

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ އައިޝަތު ޝައްފާ އަބްދުﷲ އެވެ. އެއީ ބުލީ އާއި ފުރައްސާރައިގެ ތެރެއިން ބޮޑުވެ، ބައްޕަގެ އެންމެ ފަހުގެ ވަސީޔަތް ހަގީގަތަކަށް ހެދުމަށް ކުރި ގޮންޖެހުން ބޮޑު ދަތުރުގެ ފޮނި ނަތީޖާ އެވެ.

ޝައްފާ ވަނީ އޯ ލެވެލް އިމްތިނުގެ ތިން މާއްދާއަކުން އޭ ސްޓާ އަދި ބާކީ މާއްދާތަކުން އޭ ހޯދައިފަ އެވެ. އުމުރުން 16 އަހަރުގެ ޝައްފަ، "މިހާރު" އަށް ބުނީ ސްކޫލުން މޮޅު ދަރިވަރަކަށް ވުމުގެ އަޒުމު އޭނާ ކަނޑައެޅީ ބައްޕަގެ އެންމެ ފަހުގެ ނަސޭހަތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

ޝައްފަގެ ބައްޕަ މަރުވީ އޭނާ ގްރޭޑް ހަތެއްގައި ކިޔަވަމުން ދަނިކޮށެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ބައްޕަގެ އުފަން ރަށް، ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގަ އެވެ.

ޝައްފަ ބުނީ އޭނާގެ ބައްޕައަކީ މަސްވެރިއެއް ކަމަށާއި ރަށުގައި އުޅޭނީ ވަރަށް މަދުން ކަމަށެވެ. ގްރޭޑް ހަތެއްގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރިޕޯޓް ފޮތް ދިން ދުވަހު އޭނާގެ ބައްޕަ ރަށަށް ދިޔައީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމުން ބައްޕަ އަށް ރިޕޯޓް ދައްކަން ދިއުމުން ލިބުނީ ހަޔާތުގެ އެންމެ ފަހުގެ ވަސީޔަތް ކަމެއް ޝައްފައަކަށް ނޭނގެ އެވެ.

"އެ ދުވަހު ބައްޕަ ގެއަށް އައިމަ އަޅުގަނޑު ވެސް ވަރަށް އުފަން ގޮސް ބައްޕައަށް ރިޕޯޓް ފޮތް ދެއްކީ. އެ ދުވަހު ބައްޕަ ބުނީ ވަރަށް ރަނގަޅޭ. ބަސް އަހައިގެން ރަނގަޅަށް ކިޔަވައްޗޭ. ބައްޕަ ނެތް ދުނިޔެއެއްގައި ވެސް ސްކޫލުން އެއް ވަނަ ހޯދަންވާނެއޭ،" ޝައްފަ އޭނާގެ އެންމެ ހިތްދަތި ހަނދާންތައް އާކުރަމުން ކިޔައިދިނެވެ.
ބައްޕަ ދިން ނަސޭހަތާ އެކު ޝައްފަ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާ ބުނީ އެނދުމަތީގައި އޮށޯވެލިތަނާ ހެން ބައްޕަ ގޮވަން ފެށި ކަމަށެވެ.
"ކޮންމެވެސް ގޮތްތަކެއް އެބަވެޔޭ ބައްޕަ ބުނީ. މަންމައަށް ގޮވައި ދޭށޭ. އެ ދުވަހު ބައްޕަ ކޯމާއަށް ދިޔައީ. ޖެހިގެން އައި ދުވަހު މެންދުރު ބައްޕަ ނިޔާވީ. ވަރަށް ހެލްތީކޮށް ހުރެފައި ހަމަ ކުއްލިއަކަށް ބައްޕަ ނިޔާވީ،" ޝައްފަ ބުންޏެވެ.
ބައްޕަގެ މަރާ އެކު، ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް، އޭނާ ދިޔައީ ކުރިއަށް ދިއުމެވެ. ނައިފަރުން ހޯރަފުއްޓަށް ކިޔެވުމުގެ މެދު ތެރެއިން ބަދަލުވުމުން ރައްޓެހިން ގެއްލި، ކިޔެވުމަށް ވެސް އުނދަގޫވާނެ ކަމަށް ޝައްފައަށް ހީކުރެވުނަސް ކަންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ބުންޏެެވެ.
"އެޑްޖަސްޓް ކުރަން ވަރަށް އުނދަގޫވާނެއޭ އޭރު ހިތަށް އެރީ. އެކަމަކު ޓީޗަރުން ވެސް ރަނގަޅު. ލިބުނު އެކުވެރިން ވެސް ރަނގަޅު. އެކަމަކު ބުލީކުރުން ކޮންމެ ސްކޫލެއްގައި އޮންނަ ގޮތަށް އެކަން ކުރިމަތިވި."
ޝައްފަ ބުނީ ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވާތީ ކްލާހެއްގައި ތިރީހަކަށް ކުދިން ކިޔަވާ ކަމަށެވެ. އެކަމަކު ހޯރަފުއްޓަށް ބަދަލުވެ 20 ކުދިންނާ އެކު ކްލާހުގައި ހަމަޖެހިގެން ކިޔެވުން ފަސޭހަވި ކަމަށް އޭނާ ބުންޏެެވެ. ޓީޗަރުންނާއި ގާތް އެކުވެރިންގެ ފަރާތުން އެހީ ލިބި ކުރިއަށް ދިއުންވީ އޭނާ އަށް މާ އުނދަގޫ ކަމަކަށް ނޫނެވެ.
އެކަމަކު ސްކޫލުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ބްލީގެ ވެއްޓަށް އޭނާ ވެއްޓުނެވެ. އެތައް އުނދަގުލެއް އޭނާއަށް ކުރިމަތިވިޔަސް އަދި އަދަށް ވެސް ބުލީގެ ޝިކާރައަކަށްވީ ސަބަބެއް އޭނާއަކަށް ނޭނގެ އެވެ.
އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދިޔައިރު ވެސް ގޭގެ ފާރަށް ކަޅުތެޔޮ ޖަހައި ހެދި އެެވެ. އޭނާގެ މަންމަގެ ސައިކަލުގެ ވަށިގަނޑަށް ފުރައްސާރަކޮށް އެކި ނޯޓުތައްލާ އުނދަގޫ ކުރަމުންދިޔަ އެވެ.
"ޓެސްޓަށް ތައްޔާރުވާތީ މަންމަމެން ނުވެސް ބުނޭ އޭރު ކަޅުތެޔޮ ޖެހި ވާހަކަ ވެސް. ބޭބެއަށް ފެނުނު ޖަހަނިކޮށް ވެސް. މަންމަ ސައިކަލު ޓަޔަރު ފަޅާ އެކަހަލަ ބައިވަރު ކަންތައް ދިމާވި ރެޑީވަމުންދިޔައިރު،" އޭނާ ކިޔައިދިނެވެ.
އެ މައްސަލަ އާއިލާ އިން ޕޮލިހަށް ރިޕޯޓް ކުރަން ވެސް އުޅުނެވެ. އެކަމަކު ޓެސްޓް ދުވަސްވަރު އިތުރު "މައްސަލަގަނޑެއް"ގެ ތެރެއަށް ވަންނަން ބޭނުން ނޫން ކަމަށް ބުނެ އެކަން ވެސް ނުވާ ކަމަކަށް ހަދާލީ ކަމަށް އޭނާ ބުންޏެެވެ.
"މަންމަ ކައިރީ އަޅުގަނޑު ބުނީ ރިޕޯޓްކުރާނެ ކަމެއް ނެތޭ. ނަތީޖާ އިންނޭ ދައްކާލާނީ. އެ ދުވަހުން އެ މީހުންގެ ތުން ބަންދުވާނެއޭ."
އޯލެވެލްގެ ގަދަ ނަތީޖާއަކަށް ފަހު އޭނާ އަންނަނީ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުން މި އަހަރު އޭލެވެލް ފެށުމަށް ތައްޔާރުވަމުންނެވެ. އޭނާ ހުރީ އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދައި ގައިނޮކޮލޮޖިސްޓަކަށް ވާން ސްކޮލާޝިޕެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.
"އަޅުގަނޑު މިހުރީ ވަރަށް ތައްޔާރުވެގެން. ގައިނޮކޮލިޖިސްޓަކަށް ވާން ކިޔަވަން ސްކޮލާޝިޕެއް ނުލިބިއްޖެއްޔާ ލެބޯޓްރީ ކަހަލަ އެއްޗަކުން ކުރިއަށް ދާން. އަޅުގަނޑަކީ އާއިލާގެ އެންމެ ބޮޑު ކުއްޖާ. އެހެންވީމަ މަންމައަށް ބަރޯސާވެގެން އަބަދަކު ނޫޅެވޭނެ. އަވަހަށް މަންމައަށް ފައިދާވާނެ ގޮތަކަށް ކުރިއަށް ދާން އަޅުގަނޑު މިހުރީ ޕްލޭންތައް ހަދައިގެން. އެ ޕްލޭން ފެއިލްވެއްޖެއްޔާ ދެން ހަދާނެ ގޮތުގެ ޕްލޭން ވެސް ވިސްނައިގެން."
ޝައްފަ ހުރީ އޭނާގެ އެންމެ ހިތްދަތި ދުވަހުން އަރައިގެންފަ އެވެ. ބުލީ އާއި ފުރައްސާރައިން ވެސް އެ އަރައިގަންނަނީ އެ ހިތްވަރުންނެވެ. އޭނާގެ އުއްމީދަކީ ކޮއްކޮ އާއި މަންމައަށް ރަނގަޅު ގޮތެއް ހޯދައިދިނުމެވެ.