ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް
ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު ޓީމް ހަނިމާދޫއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖު، އެއްވަނަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.

ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް
ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް

ހއ. އަދި ހދ. އަތޮޅުގެ ރަށްތައް ހިމެނޭ މި ގުރޫޕުން، ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުގެ ފުރަތަމަ ޖާގަ ހޯދީ، ބާކީ ދެ މެޗު އޮއްވައި ދިއްދޫ ބީއެކްސް ސްޕޯޓްސް އެވެ. އެންމެ މެޗަކުން ވެސް ބަލިނުވެ ބީއެކްސް މިވަގުތު ލީގު އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ޒިގްޒެގަށް ވަނީ އިއްޔެގެ މޮޅާ އެކު، ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް
ހަނިމާދޫ ބަލިކޮށް، ކުޅުދުއްފުށީ ޒިގްޒެގް އެއްވަނަ ޑިވިޝަނަށް

ބީއެކްސް އާއި ޒިގްޒެގް، ދެ ޓީމަށް ވެސް ލީގުގައި ބާކީ ދެ މެޗު އެބަ އޮތެވެ. އަދި ގުރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު ވެސް ދެ ޓީމަށް އެބައޮތެވެ. ބީއެކްސް ދެން އެންމެ އަވަހަށް އަމިއްލަ ރަށް؛ ދިއްދޫގައި ކުނުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ. އަދި ޒިގްޒެގް ނުކުންނާނީ އިހަވަންދޫ ޕޯލްސްޓާއާ ދެކޮޅަށެވެ. ފަހު މެޗުގައި ޒިގްޒެގާއި ބީއެކްސް ބައްދަލުކުރާނީ ދިއްދޫ ފުޓުބޯޅަ ދަނޑުގަ އެވެ.

މި ގުރޫޕުގެ ތިންވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ޓީމް ހަނިމާދޫ އެވެ. ހަތަރު ވަނައިގައި އޮތް އިހަވަންދޫ ކްލަބް ޕޯލްސްޓާ އަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައި ވާއިރު، ފަސްވަނައިގައި އޮތް ޓީމް ނެއްލައިދޫ ކުޅުނު ހަތް މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ހަނިމާދޫ ދަނޑުގައި ޓީމް ހަނިމާދޫ އާއި ކުޅުދުއްފުށި ޒިގްޒެގް ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ފޯރިގަދަ ފަހު ހާފުގެ ތިންވަނަ މިނިޓުގައި ޒިގްޒެގުން ލީޑު ނެގީ އަންވަރު އާދަމް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް ފަސް މިނިޓު ތެރޭ ހަނިމާދޫގެ އަލީ އާމިރު ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ޒިގްޒެގަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 69 ވަނަ މިނިޓުގައި، މުހައްމަދު ހުޝާމެވެ. އަދި 84 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މުހައްމަދު ނަޝީދެވެ.

ހަނިމާދޫ އާއި ކުޅުދުއްފުށީ ޒިގްޒެގް ލީގުގައި ކުޅުނު ފުރަތަމަ މެޗު ވެސް، ޒިގްޒެގް ކާމިޔާބުކުރީ ހަމަ މި ނަތީޖާއިންނެވެ.

އިހަވަންދޫ އިއްޔެގެ މެޗަށް ނުކުތީ ފުރަތަމަ ފަސް މެޗުގައި މޮޅެއް ނުހޯދުނު ނަމަވެސް، ޓީމް ނެއްލައިދޫ ބަލިކޮށްގެން، ޕްރޮމޯޝަންގެ ކުޑަ އުންމީދެއް ހޯދާށެވެ.

އިއްޔެގެ މެޗުން ނެއްލައިދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދި ނަމަވެސް، ހަނިމާދޫ އަށް ޒިގްޒެގް ބަލިނުކުރެވުމުން، އަމިއްލަ ބާރު ގެއްލިފައިވާ ޕޯލްސްޓާ އަށް އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓީމް ނެއްލައިދޫއާ ވާދަކޮށް ޕޯލްސްޓާ މޮޅުވީ، ފަހަތުން އަރައި 2-1 އިންނެވެ.

މެޗުގެ ތިން ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ނެއްލައިދޫ އިން ލީޑު ނެގީ މެޗުގެ ނުވަވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު އަންވަރެވެ. ޕޯލްސްޓާ އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު 26 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ސާނިއު އެވެ. އަދި މޮޅުވި ލަނޑު 31 ވަނަ މިނިޓުގައި ޖެހީ މުހައްމަދު ފާރިޝް އިބްރާހިމެވެ.

މި ދެޓީމު ފުރަތަމަ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި އެއީ ނެއްލައިދޫ މިހާތަނަށް ކުޅުނު ހަތް މެޗުން ހޯދާފައިވާ ހަމައެކަނި ޕޮއިންޓެވެ.

ނޯތު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭގައި މާދަމާ ދިއްދޫ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ނެއްލައިދޫ އާއި ބީއެކްސް ސްޕޯޓްސް އެވެ. އަދި ޒިގްޒެގާއި ޕޯލްސްޓާ ބައްދަލުކުރާ މެޗު އޮންނާނީ ހަނިމާދޫ ދަނޑުގަ އެވެ.