ދެވަނަ ދައުރަކަށް ރައީސް ވާދަކުރެއްވުން ރަނގަޅެއް ނޫން: ނަޝީދު
ދެވަނަ ދައުރަކަށް ރައީސް ވާދަކުރެއްވުން ރަނގަޅެއް ނޫން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް ރައީސް ވާދަކުރެއްވުން ރަނގަޅެއް ނޫން: ނަޝީދު
ދެވަނަ ދައުރަކަށް ރައީސް ވާދަކުރެއްވުން ރަނގަޅެއް ނޫން: ނަޝީދު

މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އިންތިޚާބުގައި ވާދަކުރެއްވީ އެ މަނިކުފާނުގެ ތާއީދާ އެކު ކަމަށް ވިޔަސް، ރައީސް ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަސައްކަތް ކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ދެއްވީ އެ ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރެއްވުމުން ކަމަށެވެ.

"އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި މަޑުކުރަން ދެންނެވިއިރުގައި އަޅުގަނޑަށް ވެސް ވަރަށް ސާފު އެ ބޭފުޅާއަކީ ރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އޭރު ރައީސަށް ރިޔާސީ ޓިކެޓް ދޭން އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވެފައިވާ ވައުދުތަކަށް ފުރިހަމައަށް އަމަލެއް ނުކުރެވެ އެވެ. އެހެންވެ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ތިން ވަނަ ބޭފުޅަކު ނިކުންނަވާނެ ކަން ނުވަތަ ނޫންކަން ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ހާމަވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ކޯލިޝަނެއް އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދު ދެއްވައި، ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމުގައި ކޯލިޝަނެއް ނުހެދޭނެ ކަމަށެވެ. އަދި ކޯލިޝަން ހަދާނީ ބަރުލަމާނީ ނިޒާމުގައި އެކަނި ކަމަށާއި އެއީ ރާއްޖޭގެ ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ ގާނޫނު އަސާސީ ވެސް ވަރަށް ބީރަށްޓެހި ކަމެއް. ގާނޫނު އަސާސީ ދަންނަ ކަމެއް ވެސް ނޫން ކޯލިޝަން ހެދުމަކީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނެ އެވެ. އަދި އަބަދުވެސް ދެމި ހުންނަވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މަނިކުފާނު ޕާޓީއަކާ ކޯލިޝަނެއް ހަދާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެމްޑީޕީން ބޭނުންވާ ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ "އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާ ނަމަ "ޗޮއިސް" އަކީ އެ މަނިކުފާނު ކަމަށެވެ.