30 ޖޫން 2022 - 18:39

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
މިއީ ފަހުގެ ތާރީޚެއްގައި މެމްބަރުން ހަމަނުވެގެން ޕާޓީއެއް އުވާލަން ނިންމި ފުރަތަމަ ފަހަރެވެ. ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ މުއްދަތެއް ދީފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްއެލްއެސްޑީޕީ އުވާލަން ނިންމީ މެމްބަރުން ހަމަކުރަން ދިން ތިން މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް މެމްބަރުން ހަމަނުވުމުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ވެސް މިއަދު ބައްދަލު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންވެ، އެމްއެލްއެސްޑީޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެމްއެލްއެސްޑީޕީ އުފެއްދީ 2018 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ޕާޓީ އުފެއްދުމުގައި އޭރު އިސްކޮށް ހުންނެވީ ވަކީލް އަބްދުﷲ ހަސީނެވެ. އެ ޕާޓީ އޭރު އުފެއްދީ 3،000 މެމްބަރުން ހަމަވެގެންނެވެ.