30 ޖޫން 2022 - 18:29

ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން މިއަދު ދަމަހައްޓައި އަދި އޭނާ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިގަތުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު ބާރުގަދަ ބޭސްތަކެއް އޭނާ އުޅުނު ގެއިން ފެނިފައިވާތީ އިތުރު ދެ ދައުވާއެއް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓަން ދައުލަތުން މިއަދު އެދުނެވެ. ލަމްހާގެ ފަރާތުން އެދުނީ ޝަރުތުތަކާ އެކު، ބަންދުން ދޫކޮށްލުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ބަންދު ދެމެހެއްޓުމަށެވެ.
ލަމްހާގެ ދިފާއީ ހެކިތައް ބަލައިނުގަންނަން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ދައުލަތުން މިއަދު ހުށަހެޅީ ލަމްހާގެ ފަރާތުން ދިފާއީ 12 ހެއްކެއް ހުށަހަޅާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ލަމްހާގެ އާއިލާގެ ބައެއް މީހުންނާއި އައިޖީއެމްއެޗްގެ އިސްވެރިންނާއި ޑޮކްޓަރުންތަކެއް ވެސް ހިމެނެ އެވެ.
ދައުލަތުން ބުނީ ދިފާއީ ބައެއް ހެކިން ހުށަހެޅީ ތަހުގީގުގައި ސުވާލު ނުކުރާ ކަންކަމާ ގުޅިގެން ކަމަށާއި އަދި ބައެއް ހެކިންނަކީ މައްސަލައާ ގުޅުންހުރި ހެކިން ނޫން ކަމަށެވެ. އަދި އެ މީހުން ހުށަހެޅީ ކޯޓުގެ ވަގުތު ބޭކާރު ކުރަން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ބައެއް ހެކިން ލަމްހާގެ ފަރާތުން ދިފާއުގައު ހުށަހަޅާފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އަނެއް ބައި ހެކިން އުފައްދާފައިވާ ކަމަށް ވެސް ދައުލަތުން ތުހުމަތުކުރި އެވެ.
ލަމްހާގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ގެއްލިދާނެތީ ކަމަށެވެ. އަދި ހެކިން އުފެއްދި ކަމަށް ބުނާ ތުހުމަތުތައް އޭނާ ދޮގު ކުރެއްވި އެވެ.
ލަމްހާގެ ފަރާތުން ހުށަހެޅީ ތަހުގީގާ ގުޅޭ ބައެއް ލިޔުންތައް ހޯދުމަށެވެ. އެގޮތުން މޭރީއަށް ދިން ފަރުވާގެ ލިޔުންތަކާއި ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތައް ރާއްޖެ އެތެރެކުރި ގޮތާ ބެހޭގޮތުން ކަސްޓަމްސްގެ ލިޔުންތަކާއި އެހެން ބައެއް މައުލޫމާތު ހޯދަން ލަމްހާގެ ފަރާތުން ހުށަހެޅި އެވެ.
އެ މައްސަލާގައި ވީޑިއޯ ފުޓޭޖްތައް ނަގަން ހޯދި ކޯޓު އަމުރު ހޯދަން ލަމްހާގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅުމަށްފަހު، އަނބުރާ ވަނީ ގެންގޮސްފަ އެވެ. ލަމްހާގެ ވަކީލް ޔާމީން ވިދާޅުވީ އެ ހުށަހެޅުން އަނބުރާ ގެންދިޔައީ ވީޑިއޯތައް ނަގަން ކޯޓު އަމުރެއް ނުހޯދާ ކަމަށް ދައުލަތުން އެއްބަސްވުމުން ކަމަ
ރައްދުގައި ދައުލަތުން ބުނީ ވެރިފަރާތުގެ ރުހުމާ އެކު ވީޑިއޯތައް ހޯދާނަމަ، ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށެވެ. އަދި އެކަމަށް ކޯޓު އަމުރެއް ހޯދަންޖެހޭ ސަބަބެއް ލަމްހާގެ ފަރާތުން ނުދެއްކޭ ކަމަށާއި އަދި އެ ވީޑިއޯތައް ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ދެކޭ ނަމަ އެކަން އޮންނަން ވާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ލަމްހާގެ ގެއިން ފެނުނު ބޭސްތައް އެތެރެކުރި ގޮތުގެ ލިޔުންތަކާ ގުޅޭގޮތުން ދައުލަތުން ބުނިގޮތުގައި އެ ބޭސްތަކަކީ މީހަކު ދިން އެއްޗެއް ކަމަށް ލަމްހާ ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ބޭސްތައް އެތެރެކުރި ގޮތާ ބެހޭގޮތުން މިހާރު އެހެން ގޮތަކަށް ވާހަކަ ނުދެއްކޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އެ ބޭސްތައް އެތެރެކުރީ އެސްޓީއޯއިން ކަމަށާއި އެތަކެތި ހަމައެކަނި ފޯރުކޮށްދެނީ ހޮސްޕިޓަލްތަކަށް ކަމަށެވެ. އެކަން އެނގޭނެ ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު އަންނަ އޮގަސްޓް މަހު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ފާއިޒް ވިދާޅުވި އެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.