30 ޖޫން 2022 - 15:26

މޫސުން ގޯސް ދުވަސްވަރު ހިޔާ ޓަވަރުތަކުގެ ބައެއް ފްލެޓްތަކަށް ފެން ވަންނަމުންދާތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ކުޑަދޮރުން ފްލެޓް ތެރެއަށް ފެން ވަންނަ މައްސަލައާ ގުޅިގެން އެކަމަށް ހައްލެއް ގެނައުމަށް ބޭނުންވާ ތަކެތި މިހާރު ލިބިފައިވާތީ އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ބައެއް ފްލެޓްތަކަށް ދިމާވެފައިވާ މައްސަލައަކަށް ވާތީ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން އެ ފަރާތްތަކަށް ގުޅައި މައްސަލަ ހައްލުކޮށްދެމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ގުޅާނީ 3353535 އިންނެވެ.
"އެހެންކަމުން މި ކޯޕަރޭޝަނުން މި ފަރާތްތަކަށް ގުޅައި މަރާމާތުކުރުމަށް ތާވަލުކުރުމުން ފްލެޓަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދި ދެންނެވީމެވެ،" އެޗްޑީސީގެ އިއުލާނުގައިވެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް ފްލެޓްތަކަށް ދާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިޔާ ފްލެޓްތަކުގައި މީހުން އުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ބޮޑުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަނީ ސްލައިޑް ކުރެވޭ ގޮތަށް ހުންނަ އެ ކުޑަދޮރުތަކުގެ ތިރީ ބައިގައި ފެން ހަރުލައި އެތަން ފުރިގެން އެޕާޓްމަންޓްތަކުގެ ތެރެއަށް ފެން ވަދެފައި ވަނިކޮށެވެ. ބެލްކަނީ ދޮރުގެ ތިރިން ވެސް އެޕާޓްމަންޓްގެ އެތެރެއަށް ފެން ވަންނަ މަންޒަރު އޭރު އާންމުވި ވީޑިއޯތަކުން ފެނުނެވެ.
އެ މައްސަލަ ފާހަގަވުމާ އެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އެ ކުންފުނީގެ ބައެއް އޮފިޝަލުން ވަނީ ފްލެޓްތަކަށް ވަޑައިގެން ހާލަތު ވެސް ބައްލަވާލައްވައިފަ އެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެތަނަށް ފެން ވަންނަނީ ވައިގަދަވެ ފްރޭމްގަނޑުގައި ހަރުލާ ފެން ބޭރުކުރުން ހަދާފައި ހުރި މެކޭނިޒަމް ފެއިލްވެގެންނެވެ.