އެޑްވާންޓޭޖް އޮތީ ލިވަޕޫލަށް: ގާޑިއޯލާ
އެޑްވާންޓޭޖް އޮތީ ލިވަޕޫލަށް: ގާޑިއޯލާ

ލިވަޕޫލް (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު އެޑްވާންޓޭޖް އޮތީ ލިވަޕޫލަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލިވަޕޫލް ލީގުގެ ދެ ވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ. ސިޓީ ތިން ވަނައިގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.

ލީގުގެ ދެ ވަނަ އަށް ޖެހިލަން ސިޓީ އަށް މިރޭގެ މެޗުން މޮޅެއް މުހިއްމެވެ. ގާޑިއޯލާ ބުނީ ލިވަޕޫލަކީ މި ފަހަރު ލީގަށް ވާދަކުރާ ޓީމެއް ކަމަށެވެ.

"ލިވަޕޫލަށް މިރޭގެ މެޗުގައި އެޑްވާންޓޭޖް އެބައޮތް. އެއީ އަމިއްލަ ދަނޑު. އެންފީލްޑް ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުން ލިވަޕޫލް ނަތީޖާ ނެރޭ. އެކަމަކު އެއީ އަހަރެމެންނަށް ނުހުއްޓުވޭ ވަރުގެ ޓީމެއް ނޫން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

"ލީގުގެ ވާދަވެރިކަން ވަރަށް ބޮޑު. ޗެމްޕިއަންސް ލީގުގެ މަގާމަކަށް ވާދަކުރާ ވެސް ހަ ވަރަކަށް ޓީމު އެބައޮތް. މިއީ ވަރަށް ފޯރިގަދަ އަހަރަކަށް ވާނެ."

ލިވަޕޫލް ދަނޑުގައި އެންމެ ފަހުން ސިޓީ މޮޅުވީ 2003 ވަނަ އަހަރުގަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަސްޕެންޝަނަށް ފަހު އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ކުޅެވުމެވެ. އަދި އެންމެ ފަހުން ހަލް ސިޓީ އަތުން މޮޅުވި މެޗުގައި އަނިޔާވި އިންގްލެންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ވެސް މިރޭގެ މެޗުގައި ކުޅެވުމުގެ ފުރުސަތު ބޮޑެވެ.

"އަގުއޭރޯ އަށް ކުޅެވުމަކީ މުޅި ސިޓީ އަށް ލިބޭ ހިތްވަރެއް. އިދިކޮޅު ޓީމަށް ޔަގީނުން ވެސް އޮންނާނެ ބިރެއް. ސްޓޯންސް ވެސް މި މެޗަށް ފިޓްވުމުގެ ފުރުސަތު ބޮޑު،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.