30 ޖޫން 2022 - 11:48

ޓްރީޓޮޕް ހޮސްޕިޓަލްގެ ނާސިން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓްރީޓޮޕާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ޑިޕްލޮމާ އަދި އަންޑަ ގްރެޑުއޭޓް ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު، ޝަރުތުހަމަވާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ހަތް ދަރިވަރަކަށް ލިބެ އެވެ.
އެ ސްކޮލަޝިޕްތަކުގެ މަގްސަދަކީ ދާއިރާގައި ދިވެހި ޒުވާން މަސައްކަތްތެރިން އުފެއްދުމާއި ތައުލީމީ ރޮނގުން ނަރުހުން ބާރުވެރިކޮށް، ހިދުމަތް ފުޅާކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕުން ބުނީ އެއީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވާނެ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ވިލާކޮލެޖުން ސެޕްޓެމްބަރު އިންޓޭކުގައި ކުރިމަތިލުމަށް ހުޅުވާލި ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ޑިޕްލޮމާ އިން ނާސިން، މި ދެކޯހުގެ ބައިވެރިންގެ ތެރެއިން ޖުމަލް ހަތް ބައިވެރިއަކަށް ޓްރީޓޮޕް ސްކޮލަޝިޕް ލިބޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ބީއެސްސީގެ ދެ ޖާގަ އާއި ޑިޕްލޮމާ އަށް ފަސް ޖާގަ އެވެ.
ސްކޮލަޝިޕް ލިބޭނީ ވިލާ ކޮލެޖްގެ އެޑްމިޝަން ކަންތައް ނިމި، އެ ކޯހުން ޖާގަ ޔަގީން ކޮށްފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި އެހެން ސްކޮލަޝިޕެއްގައި ކިޔަވާ ނުވަތަ ވިލާ ކޮލެޖު ނޫން އެހެން ކޮލެޖެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އެ ސްކޮލަޝިޕެއް ނުލިބެ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ދަރިވަރުން، އަންނަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އެޕްލިކޭޝަން ފޯމާ އެކު ބޭނުންވާ ލިއުންތައް،[email protected]އަށް އީމެއިލް ކުރުމުން ރަޖިސްޓާ ވާނެ އެވެ. ޓްރީޓޮޕް ނާސިން ސްކޮލާޝިޕް ގެ ދަށުން މިހާރުވެސް ހަތް ދަރިވަރަކު އަންނަނީ އެ ހޮސްޕިޓަލުގެ ހަރަދުގައި ނަރުސްކަން ކިޔަވަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓާޑް ނަރުހުންނާއި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.