30 ޖޫން 2022 - 06:56

ނޭޕާލުގެ ލަލިތުޕޫރް މެޓްރޮޕޯލިއަން ސިޓީގެ ހިސާބެއްގައި ވަރަށް ބާރަށް ކޮލެރާ ފެތުރެމުންދާތީ އެ ގައުމުގައި ޕާނީ ޕޫރީ ވިއްކުން މަނާކޮށްފި އެވެ.
ކޮލެރާ ފެތުރެމުން ދަނީ އެ ސިޓީގެ އެކި ހިސާބުތަކުގަ އެވެ. އެ ގައުމުގެ ވެރިރަށް ކަތަމަންޑޫ އިން ވެސް ކޮލެރާގެ ކޭސްތައް މިހާރު ވަނީ ފެނިފަ އެވެ.
އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ޕާނީ ޕޫރީ ވިއްކުން މަނާކުރަން ޖެހުނީ، ޕާނީ ޕޫރީ ހަދަން ބައެއް ތަންތަނުން ބޭނުންކުރި ފެނުން ކޮލެރާ ޖައްސާ ބެކްޓީރިއާ ފެނިފައި ވާތީ ކަމަށެވެ. އެހެންވެ، އެ ބަލި އިތުރަށް ފެތުރުނަ ނުދިމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާނީ ޕޫރީ ވިއްކުން މި ވަގުތަށް މަނާކުރީ ކަމަށެވެ.
ނޭޕާލުގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެ ގައުމުގައި ހަތް މީހަކު ކޮލެރާ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް މީހުންނަކީ ކަތަމަންޑޫގައި ދިރިއުޅޭ މީހުން ކަމަށެވެ.
އެ ގައުމުގައި މިހާރު ކޮލެރާ ޖެހިފައިވާ 12 މީހުން އެބަ ތިއްބެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ގައުމުގައި އެ ބަލި ޖެހިފައިވާ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.