29 ޖޫން 2022 - 15:26

ލީޑަރުންނަށް ވެސް ދޫނުކޮށްލެވުނު ސިޔާސީ ހަގީގަތެއް އެބައޮތެވެ!

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމަކީ "ރިޔާސީ އިންތިހާބުތަކުގެ ކިންގް މޭކާ" އެވެ. އިންތިހާބުތަކުގައި އޭނާ ދޫކޮށްލެވޭކަށް ނޯވެ އެވެ. ވެރިކަން ހޯދައިދިނުމުގައި އޭނާގެ ދައުރު ބޮޑެވެ. އިންތިހާބުތަކަށް ހެދި ކޯލިޝަންތަކުން މިކަން ފެންނާން އެބައޮތެވެ. އިއްތިހާދުވުމަށް ފުރަތަމަ އަތްދިއްކޮށްލާނީ ގާސިމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ފެންނަން އޮތީ މި މަންޒަރެވެ. މެމްބަރުންގެ އަދަދު ކިތަންމެ ގިނަޔަސް ވޯޓުލާ އާބާދީގެ 50 ޕަސެންޓަށް ވުރެން މަތިން ހޯދައި އެއްބުރުން އިންތިހާބު ކާމިޔާބުކޮށްލޭވެނެ ޕާޓީއެއް ނެތެވެ. ގާސިމް ނިންމަވާ ގޮތެއް މުހިއްމުވާ ސަބަބަކީ މި އެވެ.

އެކަމަކު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ ހުވަފެނުގައި ހުންނެވި ގާސިމް ކުރިއަށް އޮތް އިންތިހާބަށް ނިންމަވާނެ ގޮތެއް އަދި ސާފެއް ނޫނެވެ.

އިންތިހާބުގައި ވާދަކުރައްވާނީ ހެއްޔެވެ؟ ނުވަތަ އަނެއްކާވެސް ކޯލިޝަން ވެރިކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނީ ހެއްޔެވެ؟
ވެރިކަމުގެ ދެ ވަނަ ދައުރެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ ކޯލިޝަން ވެރިކަމަކަށް ގާސިމް ހިމަނުއްވައިގެންނެވެ. އެމަނިކުފާނުގެ ނިންމެވުމަކީ މި ވެރިކަމަށް އިއްތިހާދުވި ޕާޓީއަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސްކަމަށް ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމެވެ.
މި އުއްމީދުގައި ރައީސް ހުންނެވިޔަސް ޖުމްހޫރީ ޕާޓީން ރޭ ބޭއްވި "ތައްޔާރު" ޖަލްސާގައި ގާސިމް ހާމަކުރެއްވީ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމާ ދުރު ވިސްނެވުމެކެވެ. އަބަދު "ދަލު ބޭރުގައި" ތިބޭ ވަރަށް ވުރެން އެ ޕާޓީގެ ސައިޒާއި މަގްބޫލުކަން ވެސް މާ ބޮޑު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ރައްޔިތުންނަށް އެ ޕާޓީން ބޭނުންވާ ގޮތަށް ހިދުމަތް ކޮށްދެވެން އޮތީ ޖޭޕީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވި އެވެ.
އިންތިހާބަށް ޖޭޕީ ނުކުންނާނެ މަގު މުޅިން ނުދައްކަވަ އެވެ. އެކަމަކު އިންތިހާބުތަކުގައި ޖޭޕީން ކުރަން ޖެހުނު ހިތި ތަޖުރިބާތަކުގެ ހަނދާން ސިޔާސީ ލީޑަރުންނަށް އާ ކޮށްދެއްވި އެވެ. އެއާ އެކު ވިދާޅުވީ، ޖޭޕީން އިންތިހާބުގައި ވާދަކުރާނެ ގޮތް ނިންމާނީ ކޮންގްރެސްއާ ހަމައިން ކަަމަށެވެ.
ގާސިމް ވެސް ވިދާޅުވީ އެ ޕާޓީގެ ބައިވެރިވުން ނެތި މިހާތަނަށް އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވޭ ކަމަށެވެ. އެ އިޝާރާތް ކުރެއްވީ، 2008 ގައި އެމްޑީޕީން ވެރިކަމަށް އައުމުގައި އެ ޕާޓީއާ އެކު ކޯލިޝަން ހެދުމާއި 2013 ގައި ޕީޕީއެމް އަދި 2018 ގައި އެމްޑީޕީން ވެރިކަމަށް އައުމަށް ވެސް ޖޭޕީއާ އެކު ހެދި އިއްތިހާދަށެވެ.
"ﷲ ސުބްހާނަހޫ ވަތައާލާ އެގޮތަށް އިރާދަކުރައްވައި މިންވަރު ކުރައްވާފައި އޮތް ގޮތް އެއީ. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުއާއަކީ އެގޮތަށް ބައެއްގެ ފަހަތަށް ނާރާއި ވެސް އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހެއް ދެއްކެވުން. ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް އޮންނާނެ އަގީދާއެއް މަގްސަދެއް އެއީ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެ އަގީދާއެއް އެއްގޮތަކަށް ވެސް ނުގެއްލޭ، އެއްވެސް އިރެއްގައި."
ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށެވެ.
އެއް ޕާޓީން އެކަނި ނުކުމެ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އެއީ ތެދުފުޅަކަށް ވެދާނެ ކަމަށާއި ނުވަތަ އެ ނޫން ގޮތަކަށް އެކަން ބަދަލުވެސް ވެދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެ ޕާޓީއާ އެކު އިއްތިހާދުވާ ޕާޓީތަކުން އަހުދުވާ ގޮތަށް ކަންކަން މިހާތަނަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިއީ މި ސަރުކާރާ މެދު ބަސް ބުނަން ބޭނުންފުޅުވާ ވަގުތު ނޫން ކަމަށް ވިދާޅުވެ، "ވައުދެއް ކޮށްފިއްޔާ ހުރުމަތްތެރިކޮށް ހިތަން" އަންގާފައިވާ ކަމަށާއި އެކަން ހަނދާން ހުންނަނީ ކިތައް މީހުންނަށްތޯ ސުވާލު އުފެއްދެވި އެވެ.
އޭނާ ވަނީ މި ވެރިކަމުގައި ފާސިގުވެގެންވާ ކަންކަން ހިނގަމުންދަނީ ލިމިޓެއް ނެތި ކަމަށް ފާޑުވިދާޅުވެފަ އެވެ. އެކަން ނުބެލޭނެ ކަމަށް ވަކި މުއައްސަސާއެއްގެ ވެރިއަކަށް ވިދާޅެއް ނުވެވޭނެ ކަަމަށް ވިދާޅުވި އެވެ. އެހެންވިޔަސް ރައްޔިތުންނަށް ސަލާމަތާއި އަމާންކަން ގާއިމްކޮށްދީ އަދުލު އިންސާފު ގާއިމްކޮށްދިނުމަށް ހަވާލުވެފައި ތިބި މީހުންނަށް ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޕާޓީން އިންތިހާބަށް ގޮތެއް ނިންމާނީ ކޮންގްރެސްގަ އެވެ.
"މި މަސައްކަތް ކުރާއިރު އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއީ ކޯލިޝަނެއްގެ ތެރެއިންތޯ، އަޅުގަނޑުމެން އެކަނިތޯ، ދެކަނިތޯ ދާނީ ނިންމާނީ ކައުންސިލުން، އަޅުގަނޑަށް ޔަގީން ކޮންގްރެސްގައި ނުނިންމާނެ ކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނެ ކަމަށް. އެހެން ކަމަށް ވަންޏާ އަޅުގަނޑުމެންގެ އަސާސީ ގަވާއިދާ ހިލާފުވީ، ޕާޓީއެއްގެ މަގްސަދާ ވެސް ހިލާފުވީ،" ގާސިމް ވިދާޅުވި އެވެ.
އެ ޕާޓީގެ އަސާސީ ގަަަވައިދުގައިވާ ގޮތުން، މިހާރު ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ. އެއީ، ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ރައީސް ކަމަށް އޮންނާތީ އެވެ.
"އެންމެ ފަހުން ބާއްވާފައި އޮތް ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެއޭ ޖުމްހޫރީ ޕާޓީން. އެއަށް ބަދަލެއް އަންނާނެއޭ ނާންނާނެއޭ އަޅުގަނޑަށް ދަންނަވަން ނޭނގިގެން މިއުޅެނީ ކޮންގްރެސް އެބައޮތް، އޭގެ ފަހުން ކައުންސިލަށް ލިބޭނެ ބާރުތައް ކަނޑައަޅައި ނިންމާނީ އޭގެ ފަހުންނޭ. ހަމަގައިމު ވެސް އަޅުގަނޑުމެން ބާކީވެގެން. ނުދާނެ، ކޮންމެވެސް އެއްކޮޅެއްގައި ތިބޭނެ،" ގާސިމް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ބާރުވެރިކަމެއް ލިބުނީމަ އަޅުގަނޑުމެންނަށް ބޭނުންވާ ގޮތަކަށް ކަންކަން ކުރެވޭނީ. މާނައަކީ އަޅުގަނޑުމެންގެ އުއްމީދުތައް އޮތް ގޮތަށް ރައްުޔިތުންނަށް ޑެލިވާކުރެވޭނީ. އެކަން ކުރޭވޭނީ ބާރުތަކެއް ލިބިގެންނޭ. މިއަދު އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބޭހެން ތިބެގެން ކުރެވޭނެ މާ ބޮޑު ކަންތައްތަކެއް ނޯންނާނެ ކަން ރައްޔިތުން ގަބޫލުކުރައްވާނެ ހަމަަގައިމު ވެސް."
ޑިމޮކްރަސީ ރާއްޖެ ގެނެސް ވެރިކަމުގެ ތިން ދައުރު ނިމޭއިރު، ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ހުންނާނީ އޮޅުންފިލައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ކުރިއެރުމާއި ހަމަޖެހުން ލިބި ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ހުރި ގޮތަކުން ނޫނެވެ. ވަރުގަދަ ލީޑަރަކު ވެރިކަމާ ހަވާލުވެގެންނެވެ.
"ޑައިނަމިކް، ވިޝަނަރީ، އެނަޖެޓިކް ކަންކަން ކުރުމުގައި ވިސްނުމާއި ތަޖުރިބާ އާއި ކެޕޭސިޓީ ހުރި މީހަކު އައިސްގެން އެކަން ކުރިމާ އެކަން ވާނީ. އެ ނޫން ގޮތަކަށް މިކަމެއް ނުވާނެ، ކަމެއް ރަނގަޅު ކުރަން ބޭނުންވާ ނަމަ އެ ކަމުގައި އޮންނަ ސަބަބުގައި އަޅުގަނޑުމެން ހަދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ވާހަކަ ނިންމާލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް މެނޭޖްކުރެއްވި ގޮތަށް ތައުރީފްކުރައްވަމުންނެވެ. ސްރީ ލަންކާ ފަދަ ހާލަތަށް ރާއްޖެ ނުދިޔައީ ރަނގަޅަށް ކަންކަން ގެންދިއުމުން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ސިޔާސީ ހަރަކާތްތައް މެދުކަނޑާލައިގެން ތިބުމަށް ފަހު ރޭ ޖަލްސާއެއް ފެށީ "ތައްޔާރު" ނަމުގަ އެވެ. އެއީ ޕާޓީން އިންތިހާބުގެ ކެމްޕޭންގެ ފެށުމެވެ. ހަރަކާތްތައް އިތުރުކޮށް ޖަލްސާތަކާއި ބައްދަލުވުންތަކާއި ރަށްރަށުގެ ގިނަ ކުރަން ވަނީ ނިންމައިފަ އެވެ. ރަށްރަށުގެ ގޮފިތައް ހަދަން ވަނީ ނިންމައިފަ އެވެ. ކޮންގްރެސް ބާއްވާނެ ތާރީހެއް ވެސް ވަރަށް އަވަހަށް ކަނޑައަޅާނެ އެވެ.
ޖަލްސާގެ ސްލޯގަން އަށް އިޝާރާތްކުރައްވައި އެ ޕާޓީގެ ނައިބު ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ދެއްކެވި ވާހަކަގައި ސާފުކޮށް ވިދާޅުވީ އެ ޕާޓީން އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، މާޔޫސްވާކަށް ނުޖެހޭނެ އެވެ. ޒުވާނުންނަށް ފުރުސަތު ލިބޭނެ އެވެ.
"ﷲ އިރާދަކުރެއްވިއްޔާ ދެން މި ގައުމުގައި އުފެދިގެން ދާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި މި ސަރުކާރު ކޯލިޝަންގައި ދެމިއޮތީ ހިތްހަމަނުޖެހުންތަކާ އެކުގައި ކަމަށާއި މަގުމައްޗަށް އެ ޕާޓީން ނުނިިކުތީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރަން ރައީސަށް ފުރުސަތު ދޭން ކަމަށެވެ. އޭގެ ފަހުން، ވެރިއަކު ކަނޑައަޅާނީ ރައްޔިތުން ކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ދައުރެއްގައި ވެސް ގައުމަށް ޖެހިފައި އޮތް އެންމެ ބޮޑު މުސީބާތަކީ ވެރިކަމަށް އަންނަ މީހާ ދެ ވަނަ ދައުރަކަށް އަންނަން މަސައްކަތް ކުރުމެވެ. އެ މަގުން ގައުމަށް ހަމަޖެހުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި އޭނާ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީފިއްޔާ ކެމްޕޭނަށް ދާކަށް ނުޖެހޭނެ، ރައްޔިތުން އޭނަ އެ ގޮނޑީގައި ބައިންދާނެ. ވެރިކަން ކުރުމުގެ ފުރުސަތު މި ޕާޓީގެ ލީޑަރަށް ލިބިއްޖިއްޔާ އުފަލުން ރައްޔިތުން އައިސް ބުނާނެ ދެން ވެސް އިށީންނާށޭ ތި ގޮނޑީގައި،"
ރިޔާޒް ވިދާޅުވި ގޮތުގައި އެއީ ގާސިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާ ސަބަބެވެ.
އޭނާގެ ވާހަކައިގައި ގައުމަށް ގިނަ ހިދުމަތްތަކާއި ޑިމޮކްރަސީ ކުރިއެރުވުމާއި ގައުމު ތަރައްގީ ކުރުމުގައި ގާސިމްގެ ދައުރު ބޮޑު ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.
އޭނާގެ ވާހަކަ ނިންމާލެއްވީ، ގިނަ ބަޔަކު ޕާޓީއާ ގުޅުމަށް ދައުވަތު ދެއްވަމުންނެވެ. ޖުމްހޫރީ ޕާޓީއާ ނުލައި އެއްވެސް ބަޔަކަށް ވެރިކަމަށް ނުވެސް އާދެވޭނެ ކަން ހަނދާންކޮށްދެއްވި އެވެ.