29 ޖޫން 2022 - 11:15

ރާއްޖޭގައި ފަސް މަސް ދުވަހުގެ ޔޫޒަބަލް ރިޒާވް ހުރި ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބު ފުރިހަމަ ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އަންނަ މަސް ނިމޭ އިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިހާ ދުވަހެއްގެ ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާ ކުރެވޭތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް މިއަދު ލިޔުމުން ފޮނުވި ޖަވާބުގައި އަމީރު ވިދާޅުވީ ރާއްޖެ ބޭރު ފައިސާގެ ރިޒާވް މެނޭޖް ކުރަން ގާނޫނީ ގޮތުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށާއި ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރު ކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.
"ބޭރު ފައިސާގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ޔޫޒަބަލް ރިޒާވަކީ މިވަގުތު އެމްއެމްއޭ އިން ޝާއިއު ކުރާ ނަމްބަރެއް ނޫން،" އަމީރު ވިދާޅުވި އެވެ.
ލިބެން ހުރި މައުލޫމާތުތަކަށް ބަލައި ފިނޭންސް މިނިސްޓްރީ އަށް އަންދާޒާ ކުރެވޭ ގޮތުގައި 2022 ގެ ޖުލައި ގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ ބާވަތައް ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އެ ޖަވާބާ ގުޅޭ ގޮތުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މާލީ ކަންކަމަކީ ހަވާލުވެފައި ނުވާ ކަންކަން ގޮތުގައި މިނިސްޓަރަށް ވިދާޅު ނުވެވޭނެ ކަމަށެވެ. އަމީރު ފޮނުވި ޖަވާބުގައި "އުނިކަމެއް" ވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިނިސްޓަރުގެ މަސައްކަތުގެ ދާއިރާ ކަނޑައަޅަން އެންމެ ފެބްރުއަރީ 22، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވާފައިވާ ކަންކަމުގެ ތެރޭގައި އީވާ ފޮނުވި ސުވާލުގެ ދާއިރާ ހިމެނޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ވަޒީރަށް މަޖުބޫރު ވަނީ ޖަވާބުދާރީވުން. ވަޒީރު އަރިހުން އެދެން ސިޓީ އަލުން އިސްލާހު ކުރައްވައި މި މަޖިލީހަށް ފޮނުވައި ދެއްވުން." ނަޝީދު ވިދާޅުވި އެވެ.
ރިޒާވާ ގުޅޭ ސުވާލު އީވާ ފޮނުވާފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވެސް ވަނީ މި އަހަރު ނިމެންދެން ހަމަޖެހޭ ވަރަށް ރިޒާވުގައި ކާޑާއި ތެލާއި ބޭސް ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވެސް ވަނީ އެމްއެމްއޭގެ އެ މައުލޫމާތުތައް ހާމަ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.