31 ޑިސެމްބަރ 2016 - 15:44

ޔަންގޫން (ޑިސެމްބަރު 31) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ނައްތާލަން އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ 11 ބޭފުޅަކު ގޮވާލައިފި އެވެ.

ހުޅުވާލާފައިވާ ސިޓީގައި ސުލްހައިގެ އިނާމު ހޯދި ގްރޫޕުން ވަނީ މިއަންމާގެ ލީޑަރު އަން ސަން ސޫކީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މިއަންމާ ސަރުކާރުގެ މިހާރު އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައި ބެލެވޭ ސޫކީ އަކީ ވެސް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ފަރާތެކެވެ. މުސްލިމުން ހިމާޔަތް ކުރުމަށް ސޫކީ މަސައްކަތް ނުކުރާތީ އެކަމަނާ އަށް ވަނީ ވަރަށް ބޮޑަށް ނުރުން އަމާޒުކޮށްފަ އެވެ.
"މިއަންމާގައި ދަނީ ނަސްލެއް ނައްތާލުމާއި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގުން އިތުރުވަމުން. މިކަމާ ފިޔަވަޅު ނާޅައިފި ނަމަ ބަޑީގެ ވަޒަނުން މީހުން މަރު ނުވި ނަމަވެސް ހައިހޫނު ކަމުގައި ވެސް މީހުން މަރުވެދާނެ،" ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ދެކުނު އެފްރިކާގެ ޑެސްމޮން ޓޫޓޫ އާއި ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސުފްޒައި ހިމެނޭ ގްރޫޕުން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.
އދ. އިން ބުނި ގޮތުގައި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން، ރޮހިންޔާ މުސްލިމުންގެ 34،000 މީހުން ވަނީ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ގިނަ މީހުން ދަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ. މިއަންމާގެ ރޮހިންޔާ މުސްލިމް އާބާދީއާ މެދު އެ ގައުމުގެ ސަރުކާރުން ކަންކުރާ ގޮތް އދ. އިން ވެސް މި މަހު ކުރީކޮޅު ވަނީ ކުށްވެރިކޮށްފަ އެވެ.
މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ 86 މުސްލިމަކު މަރާފައިވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މި އޮޕަރޭޝަން ފެށީ ފުލުހުންގެ ނުވަ މީހަކު މަރާލުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ބުނެފައި ވަނީ އެ މީހުން ހިންގަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށެވެ.
ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.