29 ޖޫން 2022 - 14:05

ދަރިވަރުން ދިވެހި ބަހަށް ޝައުގުވެރިކުރުމަށް ތަފާތު އެކި ވައްތަރުގެ ދިވެހި ފޮތްތައް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަންގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަށް ޝައުގުވެރިވާ ނަމަ އަންނަ އޮގަސްޓް 21ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000ރ. ހުށަހަޅަންޖެހެ އެވެ.
ދިވެހި ބަހުގެ ފޮތްތައް ހޯދަނީ ފައުންޑޭޝަނުން ފެށިގެން ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށެވެ. އެއީ އެ ކުދިންނަށް ދިވެހި ލިޔަން ކިޔަން އެނގޭ މިންވަރު ބެލުމަށާއި އެ ބަހަށް ޝައުގުވެރިކުރުވުމަށް ކަމަށް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
މިނިސްޓްރީން ހޯދަން އިއުލާންކުރީ ތަފާތު، 69 ވައްތަރެއްގެ ފޮތެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ވާހަކަ އާއި ދީނީ ފޮތްތައް އަދި އާއްމު މައުލޫމާތު ހިމެނޭ ފޮތްތައް ވެސް ހިމެނެ އެވެ. ކޮންމެ ފޮތަކުން 500 އާ ގާތްކުރާ އަދަދެއްގެ ކޮޕީ ހޯދަން ވަނީ ނިންމައިފަ އެވެ.
ދިވެހި ބަހަށް ކުދިން ޝައުގުވެރިކުރުވަން ފޮތްތައް ހޯދަން މަސައްކަތްކުރަމުން އަންނައިރު، ދިވެހި ބަހަށް ދަރިވަރުން ދަށްކަމުގެ ޝަކުވާ ބޮޑެވެ. ހާއްސަކޮށް މިހާރު ޕްރީ ސްކޫލާއި ގްރޭޑު 1 އަށް ވަންނަ ދަރިވަރުން މުއާމަލާތްކުރުމުގައި ވެސް ގިނައިން ބޭނުންކުރަނީ އިނގިރޭސި ބަހެވެ.
ބައެއް ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެ ކުދިންގެ އުމުރާ އެކަށީގެންވާ ކަހަލަ ފޮތްތައް ނުލިބުމެވެ.