ކޮވިޑާ ހެދި ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް: ނަސީމް
ކޮވިޑާ ހެދި ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް: ނަސީމް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަގުތު މައްޗަށް ދިޔަޔަސް ރާއްޖެ އަލުން ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ލޮކްޑައުން ކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އިގްތިސާދާ މެދު ވިސްނައި ކޮރޯނާވައިރަސްއާ އެކީ އުޅެން ދަސްކުރަން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ ހުރިހާ ބޭފުޅުން ވެސް ވިސްނާލައިގެން އުޅެން. އެކީ އުޅޭ މީހުންނާ އެކީ ނަމަ މާސްކު ކަންތައް ލުއިކޮށްލި ނަމަވެސް ބޭރު ތަންތަނުގައި މާސްކު އެޅުން ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު މި މަހު މެދަކާ ހިސާބުން ފެށިގެން އަންނަނީ ކޭސްތައް އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާ ތެރޭގައި ވެސް 1،202 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ސަރުކާރުން ވަނީ އަންނަ ބޮޑު އީދަށް ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ހަވާ އެރުވުމާއި ޝޯތައް ވެސް ކެންސަލްކުރަން ނިންމައިފަ އެވެ.