29 ޖޫން 2022 - 06:58

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު ޓީމް ހަނިމާދޫއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 4-3 އިން ކާމިޔާބުކޮށް، އެއްވަނަ ޑިވިޝަނުގެ ފުރަތަމަ ޖާގަ ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް (ބީއެކްސް ސްޕޯޓްސް) ހޯދައިފި އެވެ.

އެފްއޭއެމުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ކުރިއަށް ގެންދާއިރު، ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. އަދި ޕްރިމިއާ ލީގަށް ކޮލިފައި ވާނީ އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ.

ހދ. ހަނިމާދޫ އާއި ހއ. ދިއްދޫގައި ކުރިއަށްދާ ނޯތު ލީގު ގުރޫޕް އޭގެ ބީއެކްސް ސްޕޯޓްސް، އެއްވަނަ ޑިވިޝަނުން ޖާގަ ހޯދީ ބާކީ ދެ މެޗު އޮއްވައި، ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި އެއްވަރުވި ނަމަވެސް ދެން ކުޅުނު ފަސް މެޗު ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ބީއެކްސް ސްޕޯޓްސް މިވަގުތު އޮތީ ގުރޫޕުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ، ފަސް މެޗުން 10 ޕޮއިންޓް ހޯދާފައިވާ ކުޅުދުއްފުށީ ޒިގްޒެޒް ފޯ ޔޫތު ލިންކޭޖެވެ. ޓީމް ހަނިމާދޫ އޮތީ ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ތިންވަނައިގަ އެވެ.
ހަތަރު ވަނައިގައި އޮތް އިހަވަންދޫ ޕޯލްސްޓާ ވަނީ ކުޅުނު ފަސް މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. ޓީމް ނެއްލައިދޫ ހަ މެޗު ކުޅެފައި ވާއިރު ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ހަނިމާދޫން ވަނީ ލަނޑު ޖަހައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލީ އާމިރެވެ. ނަމަވެސް ބީއެކްސް ސްޕޯޓްސް ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއްވަރު ކޮށްދިން ލަނޑު 21 ވަނަ މިނިޓުގައި ހުސެއިން ޝިފާހު ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު 32 ވަނަ މިނިޓުގައި ޖަހައިދިނީ ހުސެއިން ޒިމްޔާނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ހަނިމާދޫން ނަތީޖާ އެއްވަރުކުރީ، ބީއެކްސް ސްޕޯޓްސްގެ އައްފާން އަލީ ކުރި ކުށަކަށް ދިން ޕެނަލްޓީއަކުންނެވެ. އައްފާނަށް ސީދާ ރަތް ކާޑަކާ އެކު ހަނިމާދޫ އަށް ލިބުނު ޕެނަލްޓީ 44 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖެހި އާމިރެވެ.
ކުޅުންތެރިއަކު މަދުކޮށް ފަހު ހާފު ކުޅެމުން ދިޔަ ބީއެކްސް ސްޕޯޓްސް އަށް 51 ވަނަ މިނިޓުގައި، މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ފުރަތަމަ އެއްވަރު ކުރަން ލަނޑު ޖަހައިދިން ޝިފާހު އެވެ. އޭގެ ފަސް މިނިޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ތައުމީން ނޫހް އެވެ.
ހަނިމާދޫން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް އަލީ ހުސެއިން ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދިން ނަމަވެސް މެޗު ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުހޯދި އެވެ.
މި ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗު ވެސް ކާމިޔާބު ކުރީ ދިއްދޫ ބީއެކްސް ސްޕޯޓްސް އެވެ. ހަނިމާދޫގައި ކުޅުނު އެ މެޗުން ޓީމް ހަނިމާދޫ ބަލިކުރީ، ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި، ޒިމްޔާނުގެ ހެޓްރިކުން، 3-2 އިންނެވެ.
ދިއްދޫ ބީއެކްސް ސްޕޯޓްސް އަށް ބާކީ އޮތީ ޖުލައި މަހު ޓީމް ނެއްލައިދޫ އާއި ކުޅުދުއްފުށީ ޒިގްޒެގާ ކުޅެން އޮތް މެޗެވެ.
ޒިގްޒެގަށް ގުރޫޕުގެ އެއްވަނަ ގެއްލުނީ، ދިއްދޫގައި ބީއެކްސް ސްޕޯޓްސް އަތުން ބަލި ވެގެންނެވެ. އެއީ ޒިގްޒެގް ބަލިވި ފުރަތަމަ މެޗެވެ. އެއަށް ފަހުން ކުޅުދުއްފުށީ ޒިގްޒެގް ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ފޯރި ގަދަ ކުޅުމަކަށް ފަހު 1-0 އިން ޓީމް ނެއްލައިދޫ ބަލިކޮށްފަ އެވެ.
ހަނިމާދޫގައި ކުޅުނު މި މެޗު ގައި ޒިގްޒެގުން ޖެހި ހަމައެކަނި ލަނޑު 28 ވަނަ މިނިޓުގައި ޖަހައިދިނީ އަބްދުއްރަހީމް އަބޫބަކުރެވެ. އޭނާ މި ލަނޑު ޖެހީ ޓީމުގެ ފަހަތުން ފޮނުވާލި ހިލޭޖެހުމަކުން އިދިކޮޅު އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކީޕަރު ކުރިޔަށް އަރާ ހުރި ވަގުތު ބޯ މަތިން ގޯލު ތެރަށް އޮއްސާލައިގެންނެވެ.
ޒިގްޒެގުން ނެއްލައިދޫއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަ ލަނޑުތަކެއް ނުފެނުނަސް އެޓީމުގެ ހަތަރު ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އޭގެ އިތުރުން ބެންޗުގައި އިން ޓީމު އޮފިޝަލަކަށް ވެސް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.
މި ނަތީޖާއާ އެކު ޓީމް ނެއްލައިދޫއަށް ބާކީ ދެ މެޗު އޮއްވައި އެޓީމަށް ވަނީ ޕްރޮމޯޝަންގެ ދޮރު ބަންދު ވެފަ އެވެ. އެޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖަށް މުބާރާތުގައި ބާކީ ތިން މެޗު އެބަ އޮތެވެ. ފަހު މެޗުގައި ދިއްދޫ ބީއެކްސް ސްޕޯޓްސްއާ ބައްދަލުކުރުމުގެ ކުރިން ތިންވަނައިގައި އޮތް ޓީމް ހަނިމާދޫ އާއި ހަތަރު ވަނައިގައި އޮތް އިހަވަންދޫ ޕޯލްސްޓާއާ ދެކޮޅަށް ކުޅޭނެ އެވެ.
މުބާރާތުގައި މިމަހު ދެން ކުޅޭނީ ބުރާސްފަތި ދުވަހު ކުޅޭ ދެ މެޗެވެ. އެދުވަހު ދިއްދޫގައި ކުޅޭ މެޗުގައި އިހަވަންދޫ ޕޯލްސްޓާ، ޕްރޮމޯޝަންގެ ހަނި އުންމީދަކާ އެކު ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ.
ޕްރޮމޯޝަންގެ ދެވަނަ ޖާގައަށް އެންމެ ގާތުން ވާދަކުރާ ކުޅުދުއްފުށީ ޒިގްޒެގާއި ޓީމް ހަނިމާދޫ ކުޅޭނީ ހަނިމާދޫ ދަނޑުގަ އެވެ.