29 ޖޫން 2022 - 06:59

ލަންޑަން (ޖޫން 28) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި މިދިޔަ އަހަރު ވާދަކުރި އިޓަލީގެ މަޓެއޯ ބެރެޓިނީ ކޮވިޑް-19 އަށް ފައްސި ވެގެން، މިއަހަރުގެ ވިމްބެލްޑަން މުބާރާތުން ވަކިވެއްޖެ އެވެ.

ބެރެޓިނީގެ ބަދަލުގައި މުބާރާތުން ޖާގަ ދިނީ ސްވިޑެންގެ އެލިއަސް ވައިމާ އަށެވެ. މުބާރާތުގެ އަށްވަނައަށް ސީޑް ކުރެވިފައިވާ އުމުރުން 26 އަހަރުގެ ބެރެޓިނީ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ފައިނަލުގައި އޭނާ ބަލިވީ ސާބިއާގެ ނޯވަކް ޖޮކޮވިޗް އަތުންނެވެ.
ވިމްބެލްޑަންގެ ކުރިން ބެރެޓިނީ ވަނީ ޖަރުމަނުގައި އޮތް ސްޓަޓްގާޓް މުބާރާތާއި އިންގްލެންޑުގައި އޮތް ކުއީންސް މުބާރާތް ކާމިޔާބުކޮށް، ވިނަ ކޯޓުގައި އޭނާގެ ފޯމު ހިފަހައްޓައިފަ އެވެ. އޭނާ ސްޓަޓްގާޓް މުބާރާތުގައި ބައިވެރިވީ ވެސް އަނިޔާގެ ސަބަބުން އަތުގެ ސާޖަރީއެއް ހެދުމަށް ފަހު ތިން މަސް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ.
އަނިޔާގެ ސަބަބުން ބެރެޓިނީ އަށް ވަނީ މިއަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް މުބާރާޓް ކަމަށްވާ ފްރެންޗް އޯޕަން ވެސް ގެއްލިފަ އެވެ. ނަމަވެސް ފުރަތަމަ ބޭއްވި އޮސްޓްރޭލިއަން އޯޕަން ގައި ބެރެޓިނީ ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. ސެމީ ގައި އޭނާ ބަލިވީ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ރަފައެލް ނަޑާލް އަތުން ބަލި ވެގެންނެވެ.
ބެރެޓިނީގެ އިތުރުން ކްރޮއޭޝިއާގެ މަރިން ސިލިޗް ވެސް ވަނީ ކޮވިޑް ޖެހިގެން މުބާރާތުން ވަކިވެފަ އެވެ.
އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ފަހު ތިން ފަހަރު ވެސް ވިމްބެލްޑަން ކާމިޔާބު ކުރި ނޯވަކް ޖޮކޮވިޗް ވަނީ ދެކުނު ކޮރެއާގެ ކްވޮން ސޫން-ވޫ އަތުން 3-1 ސެޓުން މޮޅުވެ، ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ޖޮކޮވިޗް ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން އާއި އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަން ވެސް ކާމިޔާބު ކޮށްފަ އެވެ. ޔޫއެސް އޯޕަން އިން ބަލިވީ ފައިނަލުގަ އެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ގައި އޭނާ އަށް ވާދަ ނުކުރެވުނީ ކޮވިޑްގެ ވެކްސިން ނުޖަހާތީ އެ ގައުމުން ޑީޕޯޓް ކޮށްލައިގެންނެވެ. ދެން އޮތް ފްރެންޗް އޯޕަން ގައި އޭނާ ކެޓީ ކުއާޓާ ފައިނަލުންނެވެ.
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ވެސް ކާމިޔާބު ކުރި ރަފައެލް ނަޑާލް ވަނީ ފުރަތަމަ ބުރުގައި މިރޭ އާޖެންޓީނާގެ ފްރަންސިސްކޯ ސެރޫންޑޮލޯ ބަލިކޮށްފަ އެވެ.
މީގެ އިތުރުން ދެފަހަރު ވިމްބެލްޑަން ކާމިޔާބު ކޮށްފައިވާ، އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވަނީ ފަހަތުން އަރައި އޮސްޓްރޭލިއާގެ ޖޭމްސް ޑަކްވޯތު އަތުން 3-1 ސެޓުން ކޮޅު ވެފަ އެވެ. ފަސްވަނައަށް ސީޑް ކޮށްފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ފުރަތަމަ ބުރުގެ މެޗް ކާމިޔާބުކުރީ ޖަރުމަނުގެ ޔާން-ލެނާޑް ސްޓްރަފްއާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ.
މުބާރާތުގައި ތިންވަނައަށް ސީޑް ކޮށްފައިވާ، މިއަހަރުގެ ފްރެންޗް އޯޕަންގެ ފައިނަލުގައި ކުޅުނު ނޯވޭގެ ކެސްޕާ ރޫޑް ފުރަތަމަ މެޗު ކާމިޔާބުކުރީ ސްޕެއިންގެ އަލްބާޓް ރާމޯސް ވިނޯލަސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓުގައި ވިނޯލަސް، ރޫޑް އަށް ރަނގަޅު ފައިޓެއް ދިނަސް، ތިންވަނަ ސެޓް ރޫޑް ގެންދިޔައީ ފަސޭހަ ކޮށެވެ.
ރަޝިއާ ކުޅުންތެރިންނަށް ވިމްބެލްޑަންގައި ނުކުޅެވޭތީވެ، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ޑެނީލް މެޑްވެޑޭވް އާއި ދުނިޔޭގެ ހަތްވަނައިގައި އޮތް އަންޑްރޭ ރުބްލޭވް މުބާރާތުގައި ނުކުޅޭނެ އެވެ.
މީގެ އިތުރުން ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޖަރުމަންގެ އެލެކްޒެންޑަ ޒްވެރޭވް ވެސް މުބާރާތުން ނުފެންނާނެ އެވެ. ޒްވެރޭވް އަންނަނީ އޭޏާގެ ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. އޭނާ އަށް އަނިޔާވީ މިމަހުގެ ކުރީކޮޅު ފްރެންޗް އޯޕަން ސެމީ ފައިނަލުގައި ކުޅެނިކޮށެވެ.