28 ޖޫން 2022 - 21:26

ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ހަވީރު އޮފު އެފްސީ ބަލިކޮށް، މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ސްޕޯޓްސް ކްލަބް ސިޓީން މުބާރާތުގެ ގަދަ ހަތަރެއް ޔަގީންކޮށްފި އެވެ.
ގައުމީ ލީގުގެ ގަދަ ހަތަރެއް ޔަގީން ކުރުމާ އެކު ސިޓީ އަށް ވަނީ ގައުމީ މުބާރާތުން ފުރުސަތު ލިބިފަ އެވެ. އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދި ސިޓީން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބާއި ޕޮލިސް ކްލަބް ބަލި ކޮށްފަ އެވެ.
އޮފު އެފްސީއާ ދެކޮޅަށް މިއަދު ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސިޓީން ސެޓުތައް ކާމިޔާބުކުރީ ފަސޭހަ ކަމާ އެކު 25-16، 25-19 އަދި 25-16 އިންނެވެ.
ދެވަނަ ސެޓުގައި އޮފު އެފްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ކުޅުންތެރިން ކަމަށްވާ ވިނީތު ކުމާރާއި ހަރްދީފް ސިންގްގެ ބާރު ހަމަލާތައް ހުއްޓުވަން އުނދަގޫވި އެވެ.
ސިޓީ އަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ސިފައިންނާއި ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ބުރުގައި ކުޅޭ ފަސް މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް ގައުމީ މުބާރާތުން ޖާގަ ލިބޭނެ އެވެ.
ގައުމީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ސިޓީ އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ސިފައިން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި އޮތް ކްލަބް ވެމްކޯ އާއި ހަތަރު ވަނައިގައި އޮތް ޕޮލިސް ކްލަބަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ގުޑީސް އާއި އޮފު އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު އޮފު އެފްސީ ވަނީ ތިން މެޗު ކުޅެފަ އެވެ.
ވީއޭއެމުން ވަނީ ލީގު ޝެޑިއުލަށް ބަދަލު ގެނެސްފަ އެވެ. މިރޭ 8:30 ގައި ވެމްކޯ އާއި ގުޑީސް ބައްދަލުކުރަން އޮތް މެޗު ވަނީ ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލު ކޮށްފަ އެވެ.
މުބާރާތުގައި ދެން އެންމެ އަވަހަށް ބައްދަލުކުރާނީ މާދަމާ ހަވީރު 4:15 ގައި ދިވެހި ސިފައިންގެ ކުލަބާއި ގުޑީސް އެވެ.