ވިޔަފާރިއަށް ބީއެމްއެލްގެ ހިލޭ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ވިޔަފާރިއަށް ބީއެމްއެލްގެ ހިލޭ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

އަލަށް ވިޔަފާރިއެއް ފަށަން ނުވަތަ މިހާރު ހުރި ވިޔަފާރިއެއް ކުރިއެރުވުމަށް ބީއެމްއެލްއިން ހިލޭ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި އެވެ.

ވިޔަފާރިއަށް ބީއެމްއެލްގެ ހިލޭ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ވިޔަފާރިއަށް ބީއެމްއެލްގެ ހިލޭ އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

މި އަހަރުގެ ޖެނުއަރީ މަހު އިފްތިތާކުރި "ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް" ގެ މަގްސަދަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ފަށައިދިނުމާއި މިހާރު ހިންގަމުން އަންނަ ވިޔަފާރިއެއް ކުރިއަރުވަން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ގްރާންޓްގެ ދަށުން، ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ)
ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް

2. އާމިނަތު އިރާޝާ (ކިޑްސް ޒޯން)
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް

3. ހައްވާ ސޫޒަން (ހައްވަން ކޭކްސް)
ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން.

4. އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް)
ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން

އެ ގްރާންޓަށް މީހުން ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން، ވާދަވެރި އިވަލުއޭޝަންއަކަށް ފަހުކަމަށް ބީއެމްއެލް އިން ބުންޏެވެ. ފުރަތަމަ މަރުހަލައިގާ ވިޔަފާރިތަކުން ހުށަހަޅާފައިވާ ޕްލޭންތައް އިވެލުއޭޓްކޮށް އެންމެ ރަނގަޅު 10 ފަރާތެެއް ޝޯޓްލިސްޓް ކުރި އެވެ. ދެވަނަ މަރުހަލާއެއްގެ ގޮތުން، އިވެލުއޭޝަން ކޮމިޓީއަށް ޝޯޓްލިސްކުރި ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހެޅި އެވެ.

"ސްޓާޓަޕް ގްރާންޓަށް މިއަދު މި ހޮވުނު ފަރާތްތަކަކީ އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ހަމައެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިން،" ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ އެ ފަރާތްތަކަށް ގްރާންޓް ލިބިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅި 100 އަށް ވުރެ ގިނަ ވިޔަފާރިތަކާ ވާދަކޮށްގެން ކަމަށެވެ.

ގްރާންޓަށް ހޮވުނު ވިޔަފާރިތަކުން އާ ވަޒީފާގެ ފުރުސަތުތައް ހުޅުވާލައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އުންމީދުކުރާކަމަށް ވެސް ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތުގެ ގޮތުގައި ތައާރަފްކުރި ފަންޑެކެވެ.