28 ޖޫން 2022 - 13:54

ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް، ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި މައްސަލާގައި ސީރިއަސް ތުހުމުތުތަކެއް ކުރެވިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފައިވާ ތިން މީހުންގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފި އެވެ.
މިއީ، މަރު ކޮމިޝަނާއި ޕީޖީ އޮފީހުން މަޝްވަރާކޮށްގެން، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ އެވެ.
▪ އަހްމަދު އިސްމާއިލް (އަހަނދު) 39، މއ. ފާގަފިލާ
▪ އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، މ. ލެގޫން، ވިއު
▪ އަހްމަދު މުއާޒް، 40، ދަފްތަރު
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވިީ ދެ މަރުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ މަޝްވަރާއަށް މަރު ކޮމިޝަނުން މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މަރު ކޮމިޝަނުގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ އާދީއްތަދުވަހެވެ. ޝަރީއަތް ނިމެންދެން ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރު ކޮމިޝަނުން އެދިގެން ހައްޔަރުކުރި ތިން މީހުން ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.
އޭގެތެރެއިން އިސޫއަކީ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެ އެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.
ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރުމަށް ފަހު އޭނާ ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ދައުވާ ބާތިލްކުރީ އެވެ.
އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.
ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލައިގައި މުއާޒް ހައްޔަރުކުރިއިރު 2014 ގައި ވެސް އޭނާ ހައްޔަރުކުރި އެވެ. އޭރު އޭނާ ހައްޔަރުކުރީ ރިލްވާން މަސައްކަތްކުރި މިނިވަން ނިއުސް ހިންގާ އޮފީހުގެ ސީސީޓީވީ ކެމެރާ ވަގަށް ނަގައި ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއްގެ ތުހުމަތަށެވެ. އޭނަ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. ރިޔާސީ ކޮމިޝަނުގެ އެ ތަހުގީގާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލަން މީގެ ކުރިން މަސައްކަތް ކޮށްފައި ވިޔަސް މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.
ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.
އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.