ސޯޝަލް މީޑިއާއިން އުފެދެނީ ހަސަދަ: ދިރާސާ
ސޯޝަލް މީޑިއާއިން އުފެދެނީ ހަސަދަ: ދިރާސާ

މާގިނައިން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ އެއިން ފެންނަ މަންޒަރުތަކުގެ ސަބަބުން އެހެން މީހުންނާއި ތިމާއާ އަޅާކިޔޭ ގޮތްވެ ހަސަދަވެރިކަން އުފެދޭ ކަމަށާއި އެކަމަކު ސަބަބުން ހިތް ނުތަނަވަސްވުމުގެ މައްސަލަ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޔުނިވަސިޓީ އޮފް ކޯޕެންހޭގަންގެ މި ދިރާސާގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅޭ މީހުންނަށް ވުރެ، މާބޮޑު ކަމެެއް ނެތި ހަމަ އެކަނި އެހެން މީހުންގެ ހަރަކާތްތައް ބަލަން ސޯޝަލް މީޑިއާ ބޭނުންކުރުމުނެ ހަސަދަވެރިވުމުގެ މައްސަލަ ބޮޑުވާ ކަމަށެވެ.

ދިރާސާގައި ލަފާ ދީފައި ވަނީ ސިކުނޑި އަށް ހަމަޖެހުން ގެނައުމަށް ސޯޝަލް މީޑިއާއާ ދުރުވުމަށެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ހާހެއްހާ މީހުން ބޭނުންކޮށްގެން ކުރި ދިރާސާގައި ބުނެފައި އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރުމުން ތިމާގެ އިހްސާސްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. އަދި ހާއްސަކޮށް ފޭސްބުކްގެ ސަބަބުން އަމިއްލަ ދިރިއުޅުމާ މެދު ހިތްހަމަނުޖެހުމުގެ ޝުއޫރުތައް އުފެދުން ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދިރާސާ ހެދުމަށް ބައިވެރިކުރި ހާހެއްހާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

ސޯޝަލް މީޑިއާގައި މީހުން އާންމުކުރާ ގިނަ އެއްޗިއްސަކީ އެ މީހުންގެ ހަގީގީ ދިރިއުޅުމާ މާބޮޑު ގުޅުމެއް ހުރި އެއްޗިއްސަށް ގިނަ ފަހަރަށް ނުވާ ކަމަށާއި އެހެންވެ އެ ކަންކަން ފެންނަ މީހުންގެ ހިތުގައި ދިރިއުޅުމުގެ ހަގީގަތާ މެދު އުފެދެނީ ގޯސް ތަސައްވުރެއްކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އެހެން މީހުންނާ އާންމުކޮށް މުއާމަލާތުކޮށް އުޅޭ މީހުންނަށް ނުރަނގަޅު އަސަރުކުރުމަށް އޮންނަ ފުރުސަތު، ފޮރުވިފައި ތިބެގެން އެހެން މީހުންގެ ކަންކަމަށް ފާރަލާން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނާ އަޅާބަލާއިރު ކުޑަ ކަމަށް ދިރާސާއިން ވަނީ ދައްކާފަ އެވެ.