28 ޖޫން 2022 - 14:40

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރި ވެފައި އޮއްވައި އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ އިންތިހާބު ކާމިޔާބުނުވާނެކަން އެނގޭތީ ކަމަށް، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ. އާ އައިޑީ ކާޑަށް އެންމެ ރަނގަޅު ޑިޒައިނެއް ހުށަހަޅާ ބަޔަކަށް 200،000ރ. ގެ އިނާމެއް ވެސް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ މިއީ ސަރުކާރުގެ ގިނަ ކަންކަމާ ދޭތެރޭ އާއްމުން ސުވާލު އުފައްދާ ދަނޑިވަޅަކަށް ވާއިރު، މި ވަގުތު އެހެން ފީޗާސްތަކެއް ހިމަނައިގެން އައިޑީކާޑަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ އައިޑީކާޑު ބޭނުންކޮށްގެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތެވެ.
"މި ދަނޑިވަޅަކީ އައިޑީކާޑު ބަދަލުކުރަން ރަނގަޅު ކަމެއް ނޫން. އަނެއްކާ ބޮޑު ހަރަދެއް ހިނގާނެ ކަމެއް އެއީ. މި ވަގުތު އެކަން ނުކޮށް، އައޑީކާޑު ބަދަލުކުރަން ބޭނުންވަންޏާ 2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ފަހު ކުރުން ރަނގަޅު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބު މިހާ ކައިރިވެފައި އޮއްވައި އައިޑީކާޑުތަކާ ކުޅެން އުޅެނީ އެ ސަބަބާ ހެދި އެވެ.
"މިކަމާ ރައްޔިތުން ހުށިޔާރު ވާން ޖެހޭ، އީސީ ވެސް ހޭލަންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ އާ އައިޑީ ކާޑެއް ތައާރަފްކުރަނީ ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާ އެކު ސްމާޓް އައިޑީ ކާޑަކަށް ބަދަލުކުރުމަށް ކަމަށެވެ.
ޑީއެންއާރުން އައިޑީކާޑުގެ ޑިޒައިން ބަދަލުކުރާއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު ވަޒީރުންގެ މަޖިލީހުން ނިންމި ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި އެ މީހަކާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ މީހެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ހިދުމަތް އެންސީއައިޓީ އަދި ޑީއެންއާރާ ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.