28 ޖޫން 2022 - 13:37

އދ. ފެންފުށީ ފަޅުން ވިލާއަށް ދޫކޮށްފައިވާ ސަރަހައްދު ހިއްކައިގެން އެތަނުގައި ރިސޯޓެއް ހެދުމާ ދެކޮޅަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ނުރުހުންފާޅުކުރަން ފަށައިފި އެވެ.
ފެންފުށީ ފަޅުން ބޮޑު ބައެއް ވިލާއަށް މި ސަރުކާރުން ދޫކުރީ، ހިމާޔަތްކޮށްފައިވާ ރަށް ބ. މެންދޫގެ ބަދަލުގަ އެވެ. މެންދޫ ވިލާއާ ހަވާލުކުރީ ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުން 2017ގައި އުވާލި މައްސަލަ ޝަރީއަތަށް ހުށަހަޅައި ސުޕްރީމް ކޯޓުން އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމުމުން ރަށް އަނބުރާ ދޭން ޖެހުނީ އެވެ.
ޓްރާންސްޕޭރަންސީ އާއި ސޭވް ދަ ބީޗާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި އިކޯ ކެއާ ފަދަ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދު (ސަންޕާ) އާ އިންވެގެން އޮންނަ ފަޅުން ބޮޑު ބައެއް ޓޫރިޒަމުން ދޫކުރުމަކީ "ވަރަށް ކަންބޮޑުވާ މައްސަލައެއް" ކަމަށެވެ. ސަރުކާރުން މިގޮތަށް ނިންމީ އެ ފަޅު ތަރައްގީކޮށް ސަންޕާއަށް ލިބިދާނެ ގެއްލުންތަކާ ދެކޮޅަށް އުފުލި ޝަކުވާތަކަށް ބެލުމެއް ނެތި ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
ޖަމިއްޔާތަކުން ބުނި ގޮތުގައި ފެންފުށީ ފަޅުގައި ރިސޯޓް ތަރައްގީކުރުމަކީ ކައުންސިލާއި ރަށުގެ ގިނަ ބަޔަކު ވެސް ނުރުހުން އޮތް ކަމެއް ކަމަށާއި އެކަން މީޑިއާގައި ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ފަޅަކީ ފެންފުށީގެ ރައްޔިތުން ފަރު މަސްވެރިކަމާއި ހުއިފިލަނޑާ ނެގުން ފަދަ އިގުތިސާދީ މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ ހޯދުމަށް އެހީތެރިވެދޭ ވަސީލަތެއް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"މީގެ އިތުރުން، ކޯމަސް ބެލުން ފަދަ ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތަކެއް ވެސް ކުރަމުންދާ ސަރަހައްދެކެވެ. އަދި މީގެ އިތުރުން، މިފަޅަކީ ކޯމަހާއި ޒިބްރާ ޝާކް އަދި އެހެނިހެން މަސްމަހާމެހި، އާލާވެ އެ ދިރުންތައް ބޮޑުވުުމުގެ މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ،" ބަޔާނުގައިވެ އެވެ.
"މިފަޅު ހިއްކައިފި ނަމަ ފެންފުށީގެ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށްް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން ފެންފުށީ ފަޅަށް ސީދާ ގޮތުގައި ގެއްލުން ލިބި ކައިރި ސަރަހައްދުތަކުގެ ފަރުތައް ރަނގަޅު ސިއްހަތެއްގައި ދެމިއޮތުމަށް ބޭނުންވާ މޫދުއަޑީގެ ދިރުންތަކަށް އަސަރުކުރާނެ އެވެ."
ހިމާޔަތްކޮށްފައި އޮތް ސަންޕާ އަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ރާއްޖެއިން ފެހުރިހި ފެންނަ ހަމައެކަނި ސަރަހައްދަށްވާ އިރު ކައިރީގައި ގިނަ ރިސޯޓުތަކެއް ހިންގަ އެވެ.
ޖަމިއްޔާތަކުން ބުނީ ގެސްޓްހައުސް އާއި ޑައިވް ވިޔަފާރި ފުޅާދާއިރާއެއްގައި މިސަރަހައްދުގައި ހިންގޭ އެންމެ ބޮޑު އެއް ސަބަބަކީ އެސަރަހައްދުގައި ސަންޕާ އޮތުން ކަމަށެވެ.
"ސަންޕާގެ ވަށައިގެންވާ ބަފަޒޯންގައި މީގެ ކުރިން ހިންގާފައިވާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ނޭދެވޭ އަސަރު ވަނީ ސަންޕާއަށް ކޮށްފަ އެވެ. މިގޮތުން، ވިލާ ކުންފުނިން ހިންގާ މާމިގިލީ އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބިންހިއްކުމުގެ ސަބަބުން، ސަންޕާގެ ލޮނުގަނޑު ތަޣައްޔަރުވެ، އޭގޭ ނޭދެވޭ އަސަރު އެތަށް މަހެއްވަންދެން ކޮށްފައިވެ އެވެ."
ޖަމިއްޔާތަކުގެ ކަންބޮޑުވުމަކީ ފެންފުށީ ފަޅުން ބައެއް ހިއްކައިފި ނަމަ ސަންޕާއަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކެއް ލިބި އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް އޭގެ އަސަރު ކުރުމެވެ.
ފަޅު ހިއްކާނީ އީއައިއޭ ހެދުމަށް ފަހު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނާ ވާހަކަ ޖަމިއްޔާތަކުން ގަބޫލެއް ނުކުރެ އެވެ. އީއައިއޭގެ ފަހަތުގައި އަދިވެސް އޮތީ ސިޔާސީ ނުފޫޒު ކަމަށް އެ ޖަމިއްޔާތަކުން ދެކެ އެވެ.
"ގާނޫނީ ގޮތުން ހިމާޔަތްކުރެވިފައިވާ މިފަދަ މުހިންމު ސަރަހައްދަކާ ކައިރިން ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ފަޅެއް ދެވޭއިރު، ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް އެފަޅަކީ އެއްވެސް ކަހަލަ މަޝްރޫއެއް ހިންގުމަށް ދެވިދާނެ ފަޅެއްތޯ ބަލާ ޔަގީން ކުރަންޖެހެވެ،" ބަޔާނުގައިވެ އެވެ.