މިނިކާ މީހުން ޔުގެންޑާގައި އުޅޭތަ؟
މިނިކާ މީހުން ޔުގެންޑާގައި އުޅޭތަ؟

ޔުގެންޑާގައި 1971 އިން 1979 އަށް އީޑީ އަމީން ވެރިކަން ކުރި ދުވަސްވަރު އޭނާ މިނިމަސްކާ ކަމުގެ ވާހަކަ އަކީ މަޝްހޫރު ވާހަކަ އެކެވެ. ދުޝްމަނުންގެ މަސް ކެއުމަކީ ބާރުގަދަވާ ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރާ ކަމަށް ވެސް އެ ދުވަސްވަރު ނޫސްތަކުގައި ލިޔެފައިވެ އެވެ.

ނިއު ޔޯކް ޓައިމްސް އަށް 1997 ގައި އަމީން އިންޓަވިއުއެއް ދީފައިވެ އެވެ. މިނިމަސް ކާ ކަމަށް އޭނާއާ މެދު ކުރެވޭ ތުހުމަތަކީ ހަގީގަތެއްތޯ އެ އިންޓަވިއުގައި ނޫސްވެރިއަކު ސުވާލުކުރި އެވެ. މި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެ އެވެ.

"އަހަންނަށް އިންސާނުންގެ މަހެއް ކަމަކު ނުދޭ. އަހަންނަށް އޭގެ ލޮނު މާ ގަދަ،" އަމީން ބުނެފައިވެ އެވެ.

އަމީންގެ ވެރިކަން ނިމުނު ފަހުން ވެސް ޔޫގެންޑާގެ ބައެއް މީހުން މިނިމަސް ކެއުމުގެ އާދަ ގެންގުޅުނުކަމުގެ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ގިނަބަޔަކު ގަބޫލުކުރަނީ މިހާރު މިކަން މުޅިން ހުއްޓިފައިވާ ކަމަށެވެ.

މިނިމަސްކާ މީހުން މިހާރުވެސް ޔުގެންޑާގައި އުޅޭ ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް މިއީ އެހާ ކަށަވަރުކޮށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެކަމަކު ޔުގެންޑާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހަނގުރާމަވެރިންނާއި ސިފައިން ވެސް މިނިމަސްކޭ ކަމަށް ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ހިންގި ޝަރީއަތްތަކުގައި ވެސް ބުނެފައި އެބަހުއްޓެވެ.

މި ވާހަކަ އަލުން ދެކެވެން ފެށީ މަންޑޭ އަލުއޯލާ ކިޔާ މީހަކު، މިނިމަސް ކާން ތިބި ބަޔަކު ފެނުނު ކަމަށް ބުނެ ފޭސްބުކްގައި އާންމުކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. އެކަމަކު އޭނާގެ ވާހަކަ އަށް ބާރު ލިބޭ އެފަދަ އެހެން ވާހަކައެއް ނެތެވެ. އޭނާ ބުނެފައި ވަނީ އަވަށަކުން މީހުން ގެއްލޭތީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިންސާނުންގެ މަސް ކައްކަން ތިބި ބަޔަކު ފެނުނު ކަމަށެވެ.

މިނިމަސް ކެއުމުގެ އާދަ ޔުގެންޑާގައި މިހާރު އޮތްކަން ޔަގީން ނުވިޔަސް މީގެ ކުރިން ދުނިޔޭގެ ބޮޑެތި އެކި މީޑިއާތަކުން ވަނީ މިނިމަސް ކައި އުޅުނު މީހުންގެ ބައެއް އިންޓަވިއުތައް ގެނެސްދީފަ އެވެ.