ޕީސީއާރު ހެދި އާރުއެމްއެލްއެސް ލެބޯޓަރީ ރިސޯޓް ވިޔަފާރި އަށް!
ޕީސީއާރު ހެދި އާރުއެމްއެލްއެސް ލެބޯޓަރީ ރިސޯޓް ވިޔަފާރި އަށް!

ޕީސީއާރު ޓެސްޓް ހަދައިގެން ބޮޑު ވިޔަފާރިއެއް ހިންގި ކަމަށް އާންމުން ތުހުމަތުކުރަމުން ދަނިކޮށް، އެކަން އެންމެ ފުޅާ ދާއިރާއެއްގައި ހިންގި، އާރުއެމްއެލްއެސްގެ ހިއްސާދާރުން ހިމެނޭ ކުންފުންޏަކުން ރިސޯޓް ވިޔަފާރީގެ ތެރެއަށް ވަދެއްޖެ އެވެ.

ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކަށް ކުރިމަތިލައި ބިޑް ކާމިޔާބުކުރި ކުންފުނިތަކުގެ ތެރޭގައި، ކޮވިޑް-19 ގައި ފީސީއާރް ޓެސްޓް ހަދަން އުފެއްދި ލެބޯޓަރީ އާރްއެމްއެލްއެސްގެ ހިއްސާދާރުންގެ ކުންފުންޏެއް ވެސް ހިމެނެ އެވެ. އާރުއެމްއެލްއެސް އަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ނަން ނެތަސް، އޭރު ޓެގް ޓީމުގެ ލީޑަރަކަށް ވެސް ހުންނެވި، ޑރ. އަލީ ލަތީފުގެ ވަރަށް ބޮޑު މަސްލަހަތު އޮތް ތަނެއް ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އެކަމަކު، އެ ތުހުމަތުތަކަށް އޭނާ ވިދާޅުވެފައި ވަނީ އެތަނަކީ އޭނާގެ އެއްވެސް ހިއްސާއެއް އޮތް ތަނެއް ނޫން ކަމަށާއި އެއީ އޭނާގެ ރަހުމަތްތެރިއެއްގެ ތަނެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން ހުޅުވާލި ފުރުސަތުގައި ހަތަރު ކުންފުންޏަކަށް ވަނީ ރިސޯޓު ހަދަން ރަށްތައް ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ގދ. ކަނޑަހަލަގަލައިގެ ބިޑް ކާމިޔާބުކުރި ޕައިނިޔާ މޯލްޑިވްސްގެ ހިއްސާދާރުންނަކީ ޑރ. އިކުލީލް ޝަރީފާއި އިބްރާހިމް ސައީދު މުހައްމަދެވެ. އެ ދެ ބޭފުޅުންނަކީ އާރުއެމްއެލްއެސްގެ ހަމައެކަނި ހިއްސާދާރުންނެވެ.

ޑރ. އިކުލީލަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެ ދެ ބޭފުޅުންގެ ހިއްސާ އޮންނަ އަނެއް ކުންފުންޏަކީ އާރްއެމްއެލްއެސް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހިމް ސައީދު މުހައްމަދެވެ.

އާރްއެމްއެލްއެސް އަކީ ކޮވިޑުގެ ތެރޭގައި ޕީސީއާރު ޓެސްޓްގެ ވިޔަފާރިން އެންމެ ބޮޑު ފައިދާއެއް ހޯދި އެއް ކުންފުންޏެވެ. ރާއްޖޭގައި އެންމެ ގަދައަށް ކޮވިޑް ފެތުރުނު އިރު، ހުރިހާ ކްލިނިކާއި ހޮސްޕިޓަލްތަކުން ކޮވިޑް ޓެސްޓެއް ހަދައިދެމުން އައީ 1،700ރ. އަށެވެ. ފަހުން އެކި އަގުތަކަށް ވެއްޓި، މިހާރު އާންމު ރޭޓަކީ 400ރ. އެވެ. އެ އަގުގައި ޓެސްޓު ހެދި ނަމަވެސް ކޮވިޑް ޓެސްޓަކަށް އޭގެ އަސްލު އަގު 150ރ. ވެސް ނުޖެހޭ ކަމަށް ވެ އެވެ.

އާރްއެމްއެލްއެސްގެ ހިއްސާދާރުންގެ ކުންފުނި، ފައިނިޔާ މޯލްޑިވްސް އިން ގަނެފައިވާ ގދ. ކަނޑަހަލަގަލަ އަކީ 7.6 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ވިއްކުމަށް އިއުލާނު ކުރީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) އަށެވެ.