ބޯލީގެ ލީޑަޝިޕްގެ ފުރަތަމަ ސޮއި ހޯދަން ޗެލްސީ އުންމީދުގައި
ބޯލީގެ ލީޑަޝިޕްގެ ފުރަތަމަ ސޮއި ހޯދަން ޗެލްސީ އުންމީދުގައި

ލަންޑަން (ޖޫން 28) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ އާ ވެރިޔާ، ޓޮޑް ބޯލީގެ ލީޑަޝިޕުގެ ފުރަތަމަ ސައިނިން އަކަށް، މެންޗެސްޓާ ސިޓީ އަށް ކުޅޭ އިނގިރޭސި ވިލާތުގެ ވިންގާ ރަހީމް ސްޓާލިން ހޯދަން ޗެލްސީން ދެވަނަ ބިޑެއް ކުރަން ތައްޔާރު ވެއްޖެ އެވެ.

ބޯލީގެ ލީޑަޝިޕްގެ ފުރަތަމަ ސޮއި ހޯދަން ޗެލްސީ އުންމީދުގައި
ބޯލީގެ ލީޑަޝިޕްގެ ފުރަތަމަ ސޮއި ހޯދަން ޗެލްސީ އުންމީދުގައި

ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ، ލޯނުގެ އުސޫލުން އިންޓަ މިލާނަށް ބަދަލުވާން ނިންމާފައި ވުމާއި ހަކީމް ޒިޔެޝް އާއި ކްރިސްޓިއަން ޕުލިސިޗްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ސްޓާލިން ވެފައި ވަނީ ޗެލްސީގެ އެންމެ މުހިއްމު އަމާޒަށެވެ.

ބޯލީގެ ލީޑަޝިޕާ އެކު ޗެލްސީގެ ޗެއާމަން ބްރޫސް ބަކް އާއި މެނޭޖިން ޑިރެކްޓަރު މަރީނާ ގްރަނޮވްސްކައި އަދި ޓެކްނިކަލް ޑިރެކްޓަރު ޕީޓަ ޗެކް ވެސް ވަނީ މި މަަސް ނިމުމުން ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ޗެލްސީގެ ޗެއާމަންކަމާއި ކުޅުންތެރިންގެ ޓްރާންސްފާގެ މަސައްކަތުގައި މިހާރު އިސްވެ އުޅެނީ ބޯލީ އެވެ.

އުމުރުން 27 އަހަރުގެ ވިންގާ ސްޓާލިން، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބާކީ 12 މަސް އޮތްއިރު، ޗެލްސީން ފުރަތަމަ ކުރި 25 މިލިއަން ޔޫރޯގެ ބިޑު ސިޓީން ވަނީ ބޭރު ކޮށްލައިފަ އެވެ. އަދި 55 އާއި 60 މިލިއަން ޔޫރޯއާ ދެމެދުގެ އަގެއް ސިޓީން ޑިމާންޑް ކުރާ ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

ސްޓާލިންއާއެކު ދަނޑުމަތީގައި ޗެލްސީގެ ފޯވާޑް ލައިންގެ ލީޑަޝިޕް ރަނގަޅު ވާނެ ކަމަށް ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އުންމީދު ކުރާނެ އެވެ. ސްޓާލިން އަކީ ސިޓީ އާއި އިނގިރޭސި ގައުމީ ޓީމުގަައި ވެސް ބައެއް މެޗުތަކެއްގައި ކެޕްޓަންކަން ކުރާ ކުޅުންތެރިއެކެވެ.

ދަނޑުމަތީގައި ޓީމު ލީޑު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެންޓޯނިއޯ ރުޑިގާ ވަނީ ރެއާލް މެޑްރިޑަށް ބަދަލު ވެފަ އެވެ. އަދި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި އިތުރު ކުޅުންތެރިން ވެސް އަންނަ ސީޒަނަށް ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ.

ސްޓާލިން އާއި ސިޓީ އަށް ކުޅޭ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އަށް މަދުވެގެން 100 މިލިއަން ޔޫރޯ ސިޓީން ބޭނުންވާ ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ސިޓީން ވަނީ އާސެނަލްއާއެކު ޖީސަސް އަށް 52 މިލިއަން ޔޫރޯގެ އަގަކަށް އެއްބަސް ވެފަ އެވެ. އަދި ގާތްގަނޑަކަށް އެ އަގަށް ލީޑްސް ޔުނައިޓެޑްގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް ގެންދަން ސިޓީން ވަނީ ލީޑްސް އާއެކު އެއްބަސްވެފަ އެވެ.

އާސެނަލް އިން ދަނީ ލީޑްސްގެ ބްރެޒިލް ވިންގާ ރަފީނިއާ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. ޗެލްސީ އާއި ބާސެލޯނާ އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ވެސް ރަފީނިއާ ގެންދަން މަސައްކަތް ކުރެ އެވެ.