28 ޖޫން 2022 - 06:20

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާ އެކްޝަން ސީރީޒް "ޝޫރްވީރް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ކަނިޝްކް ވަރްމާ ޑައިރެކްޓްކުރާ އެ ސީރީޒަކީ އިންޑިއާގެ އެއާފޯސްގެ މިޝަނެއް ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
އެ ސީރީޒްގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، އެއިން ފެންނަނީ ބަޔަކު އިންޑިއާގެ އާންމުންގެ ބަޔަކަށް ހަމަލާދޭއިރު ވެސް އެ މީހުން ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިދާ މަންޒަރެވެ. އެހެންވެ އެއާ ފޯސްގައި ހިމެނޭ އެންމެ މޮޅު މީހުންތައް ހޮވާލައިގެން ނަަގާ ޓީމަކުން، އެކަމުގެ ބަދަލުހިފަން ކުރާ މަސައްކަތްތައް ދައްކަ އެވެ.
އެ ސީރީޒްގެ ކްރިއޭޓާ ސަމަރު ޚާން ބުނި ގޮތުގައި އެއީ އެކްޝަންތަކާ އެކު ވަރަށް އަސަރުކުރުވާނެ ފިލްމެކެވެ. އިންޑިއާގެ ތިން އާމް ފޯސްއެއް ބައިވެރިކޮށްގެން އެ ކަހަލަ ފިލްމެއް އުފެއްދުމަކީ ހަމަ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އޭނާ ބުންޏެވެ.
އެ ސީރީޒްގައި މުހިންމު ރޯލުތަކުން ފެންނާނީ އެކްޓަރު މަކަރަންދު ޑެޝްޕާންޑޭ އާއި މަނީޝް ޗޯދަރީ އާއި ތަމަޅަ ފިލްމީ ތަރި، ރެގިނާ ކަސަންދުރާ ކަހަލަ ތަރިންނެވެ.
އެ ސީރީޒް ސްޓްރީމްކުރަން ފަށާނީ އަންނަ މަހު 15 ގަ އެވެ.