27 ޖޫން 2022 - 18:22

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވައިލި ރަށްތަކުގެ ބީލަން ފަސް ކުންފުންޏަކުން ކާމިޔާބު ކޮށްފައިވާއިރު، ކަނޑައެޅި މުއްދަތުގައި ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކުއިޒިޝަން ކޮސްޓްގެ 50 ޕަސެންޓް ނުދެއްކުމުން، ބީލަން ބާތިލު ކޮށްފައި ވަނީ ހއ. އަލިދުއްފަރުފިނޮޅުގައި ރިސޯޓު ހެދުމަށް ޔޫއެމްއައި ޕްރައިވެޓް ލިމިޓެޑްގެ ހުށަހެޅުމެވެ. އެ ރަށް ވިއްކަން އިއުލާނުކުރީ 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ) އަށެވެ.
ބީލަން ކާމިޔާބުކުރި ފަރާތްތަކުން، ބީލަމުގެ 50 ޕަސެންޓް ދެ މަސް ތެރޭގައި ދައްކަން ޖެހޭނެ އެވެ.
ޔޫއެމްއައި ޕްރައިވެޓް ލިމިޓެޑަކީ ސަރުކާރުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (850 މިލިއަން ރުފިޔާ) ދައްކަން ޖެހުނު ނޫމަޑި ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް ރިސޯޓު ހެދުމަށް ހުށަހެޅި ބީލަން ކާމިޔާބު ކުރެވުނަސް ފައިސާ ނުދައްކާތީ ވަނީ ބާތިލުވެފަ އެވެ.
- މ. ސީދީހުރާ އާއި ސީދީހުރާ ވެލިގަނޑު - މާކެޓެކް މޯލްޑިވްސް : 4.28 ހެކްޓަރު، (875،000 ޑޮލަރު)
- ފ. އެނބުލުފުށި - ނައިޑް ޓްރޭޑިން : 1 ހެކްޓަރު (350،000 ޑޮލަރު)
- ފ. ޖިންނަތުގައު - އަކިރި ހޯލްޑިންސް : 0.89 ހެކްޓަރު (350،000 ޑޮލަރު)
- ގދ. ކަނޑަހަލަގަލަ - ޕަޔަނިއާ މޯލްޑިވްސް : 7.4 ހެކްޓަރު (875،000 ޑޮލަރު)
އެންމެ ބޮޑު އަގެއް ހުށަހެޅި ރަށް، ގދ. ކަނޑަހަލަގަލައިގެ ބީލަން ކާމިޔާބުކުރި ޕައިނިޔާ މޯލްޑިވްސްގެ ހިއްސާދާރުންނަކީ އިކުލީލް ޝަރީފާއި އިބްރާހިމް މުހައްމަދެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފަ އެވެ. މުއްދަތު
ހަމަވިއިރު ބީލަން ހުށަހެޅީ 13 ފަރާތަކުންނެވެ. އެ ފަރަތްތަކުން ހުށަހެޅީ 9 ރަށަކަށް ޝައުގުވެރިވެގެންނެވެ. ނަމަވެސް ބީލަން ކާމިޔާބުކުރީ ފަސް ރަށަކުންނެވެ.