ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް ބޮޑެތި ކުރިއެރުންތަކެއް
ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް ބޮޑެތި ކުރިއެރުންތަކެއް

ރަޝިޔާ ސިފައިން މީގެ ހަތަރު މަސް ދުވަސް ކުރިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، މީގެ ކުރިން ނުލިބޭހާ ރަނގަޅު ކުރިއެރުންތަކެއް ރަޝިޔާ ސިފައިންނަށް ލިބެން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން، އެއްގަމާއި ވަޔާއި ކަނޑު މަގުން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، އެންމެ ވަރުގަދަ އަށް ހަމަލާތައް ދެމުން ދިޔައީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދަށެވެ. އެއީ ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ނުފޫޒު ވަރަށް ބޮޑު ސަރަހައްދެކެވެ.

ދޮންބާސް ސަރަހައްދުން މިހާތަނަށް މިނިވަންކަން އިއުލާންކޮށްފައިވާ ދެ ޖުމްހޫރިއްޔާގެ ތެރެއިން، ލުހާންސްކް ޖުމްހޫރިއްޔާ ހިމެނޭ ސަރަހައްދުގައި، ޔޫކްރޭން ސިފައިންގެ ބާރު ދާދި ފަހަކާ ޖެހެންދެން އޮތީ ވަރަށް ގަދަކޮށެވެ. ނަމަވެސް ދެ މަހެއްހާ ދުވަސް ވަންދެން ރަޝިޔާ ސިފައިން މެދުނުކެނޑި ދެމުން ދިޔަ ވަރުގަދަ ހަމަލާތަކާ އެކު، މުޅި ލުހާންސްކް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ވެއްޓިފަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މެދުނުކެނޑި ދެމުން ދިޔަ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ވެސް، އެ ސަރަހައްދު ދިފާއުކުރެވޭ ގޮތް ނުވުމުން، ޔޫކްރޭން ސިފައިން ވަނީ ލުހާންސްކް ސަރަހައްދުން ފައިބައިފަ އެވެ. އަދި ބައެއް ސިފައިން ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފަ އެވެ.

ދޮންބާސް ސަރަހައްދުގައި ޔޫކްރޭން ސިފައިންގެ ދިފާއީ ހަމަލާތައް އެންމެ އިންތިޒާމީ ގޮތެއްގައި ދެމުން އައި ދެ ސަހަރު ކަމަށްވާ ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކް ވެސް މިހާރު ވަނީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގޮސްފަ އެވެ. އެ ދެ ސަހަރުން ޔޫކްރޭން ސިފައިންގެ ބާރު ކެނޑުމާއެކު، ދޮންބާސް ސަރަހައްދު ގާތްގަނޑަކަށް ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ދިޔައީ އެވެ.

ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކްގައި ތިބި ޔޫކްރޭންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ދެ ސަހަރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ އިރު، އެ ދެ ސަހަރު މުޅިންހެން ސުންނާފަތިވެއްޖެ އެވެ. ސެވެރޮޑޮނެޓްސްކްއަކީ ހަނގުރާމަ ފެށުމުގެ ކުރިން ވެސް ލައްކައަކަށް ވުރެ ގިނަ މީހުން ދިރިއުޅުނު ސަހަރަކަށް ވާއިރު، މިހާރު އެ ސަހަރުގައި ތިބީ މަދު އަދަދެއްގެ ބަޔަކު ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ދޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާ އިން ހަމަލާތައް ދެމުން ދިޔައިރު، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ހަމަލާ ދިނުން، ރަޝިޔާ އިން އޮތީ މެދެކަނޑާލައިފަ އެވެ. ނަމަވެސް ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކް ހިފުމަށް ފަހު، މިދިޔަ ހަފުތާ ބަންދުން ފެށިގެން ރަޝިޔާ ސިފައިން މިހާރު ގެންދަނީ ކިޔޭވް އަށް މިސައިލް ހަމަލާތައް ދެމުންނެވެ.