27 ޖޫން 2022 - 13:30

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ ހަތް ބިލެއް ކޮމިޓީތަކަށް ފޮނުވަން ފާސްކޮށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުރިހާ މައްސަލައެއް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި މި ދައުރުގައި މިހާތަނަށް ފޮނުވާފައިވާ ހުރިހާ މައްސަލަތަކަށް އެއްފަހަރާ ވޯޓަށް އެހުން ކުރިޔަށް ގެންދިޔަ އެވެ.
އެޖެންޑާ ކުރުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ވޯޓަށް ނާހައި ހުރި އެ މައްސަލަތަކަށް މިއަދު ވޯޓަށް އެހުން ކުރިޔަށް ގެންދަން ނިންމި އިރު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ވަނީ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމުން މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
އެހެންވެ ގިނަ ވޯޓުތައް ފާސްވީ ހާޒިރުވި އެމްޑީޕީ މެމްބަރުންގެ އިއްތިފާގުންނެވެ.
● ކުނި މެނޭޖު ކުރުމުގެ ބިލް
● ޖުޑިޝަލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު
● ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު
● ޔުޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް ހުށަހެޅި އިސްލާހު
● ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު
● ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު
● ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު
މި އިސްލާހުތަކުގައި ގާނޫނަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެވެ. ކުނި މެނޭޖް ކުރުމުގެ ބިލަކީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަށާއި ކުނީގެ މައްސަލަ ހައްލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ފަނޑިޔާރުކަމުން ވަކިކުރާ ފަރާތްތަކަށް ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލް ކުރުމަށާއި ޑިސްޓްރިކްޓް ކޯޓުތައް އެކުލަވައިލުމާއި ޖޭއެސްސީން ބަލާ މައްސަލަތައް އަވަސް ކުރުމަށް ވެސް ގާނޫނުތަކަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ކޮމިޓީ އަށް ފޮނުވާފައިވާ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހަކީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓަރާއި ރައީސަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
މީގެ އިތުރުން ދެ ގައުމަކަށް ކަނޑައަޅާފައިވާ ނޮން ރެޒިޑެންޓް ސަފީރަކަށް ރުހުން ދިނުމަށް ވެސް ފާސް ކުރި އެވެ. އަދި އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތު ދިރާސާކޮށް 241 ކޮމިޓީން ފޮނުވި ރިޕޯޓު ވެސް ވަނީ ފާސްކޮށްފަ އެވެ.
ކައުންސިލްތަކަށް އެކަށީގެންވާ ބާރުވެރިކަން ނުދޭ މައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ ގަރާރާއި ލޭންޑް ޔޫޒް ޕްލޭން ދެ މަސް ތެރޭ ނިންމަން އެމްއެންޕީގެ ފަރާތުން ހުށަހެޅި ބިލު ވަނީ ބޭރުކޮށްލަން ފާސްކޮށްފަ އެވެ.