27 ޖޫން 2022 - 14:25

ކުއްލި ހާލަތުގައި މާލެ އަންނަން އާސަންދަ ހަމަޖެހުނަސް، ދަތުރުފަތުރުގެ ދަތިތަކުގެ ސަބަބުން ބައެއް ފަހަރު ބަލި މީހުން މާލެ ނުފޮނުވި ވަރަށް ގިނަ ވަގުތު ހޭދަވެ، ބަލި މީހާ އަށް ބޭނުންވާ ފަރުވާ ލިބުން ލަސްވާތީ ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ފާޅުކުރައްވައިފި އެވެ.

ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމާއި އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންް އިޖުތިމާއީ ކޮމިޓީން ހެނދުނު ބޭއްވި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލްތަކުން ވަނީ އެ ފަރާތްތަކުގެ ވަރަށް ގިނަ ޝަކުވާތައް ހިއްސާކޮށްފަ އެވެ.
އެންމެ އާންމުކަމެއްގެ ގޮތުގައި، ގިނަ ހޮސްޕިޓަލްތަކުގެ ވެރިން ފާހަގަކުރެއްވީ މިހާރު އާސަންދަ ރިފަރަލްގެ ނިޒާމު ފަސޭހަވެފައި އޮތަސް، ދަތުރުފަތުރުގެ އިންތިޒާމު ހަމަނުޖެހިގެން ބަލި މީހުން މާލެ ފޮނުވަން އަނދަގޫވުމާއި އަދި އަތޮޅުތަކުގައި ފެރީގެ ނިޒާމު އޮންނަ ގޮތުން ރަށްރަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ފަރުވާ ހޯދަންދާ މީހުންނަށް ވެސް އުނދަގޫވުމެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު މުހައްމަދު ހުސައިން ވިދާޅުވީ، އިމަޖެންސީގައި ބަލި މީހަކު ގެންދަން ސީ އެންބިއުލެންސެއް ނުވަތަ ފްލައިޓަކުން ޖާގައެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"ހާއްސަކޮށް މި ކޮޅަށް [މާލެ އަށް] އޮންނަ ފްލައިޓްތައް މަދުވުމާއި އޮންނަ ފްލައިޓްތައް ގިނަ ފަހަރަށް ފުލްވެފައި ހުންނާތީ ޖާގައެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވީ، އެ އަތޮޅުގެ ގިނަ ބަޔަކު އެ ހޮސްޕިޓަލަށް ޑަޔަލަސިސް ހަދަން ކޮންމެ ދުވަހަކު ވެސް ދާއިރު، އެ މީހުން ކުރާ ދަތުރުތަކުގައި އާސަންދަ ލިބެނީ ހަމައެކަނި އެ ރަށަށް ދިއުމަށް ކަމަށެވެ. އެ މީހުން އެނބުރި ރަށަށް ދާން ޖެހެނީ އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ އެއީ މި ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް މި އަށް ވުރެ ރަނގަޅު ހައްލެއް ނެރެދެވެން ޖެހޭނެ ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
"...ދެން މި އަތޮޅުގައި އެންމެ ސީ އެންބިއުލެންސެއް އޮންނައިރުގައި، އެހާ ބޮޑު އަތޮޅެއް ކަމަށް ވާއިރު، މިސާލަކަށް ރ. މަޑުއްވަރީ ހެލްތު ސެންޓަރުގައި އޮތް ބަލި މީހެއް އުނގޫފާރަށް ގެންނަން މި ޖެހެނީ، އުނގޫފާރުގައި އޮންނަ މި ސީއެންބިއުލެންސް އެ ރަށަށް ފޮނުވައިގެން. އެކޮޅަށް ގޮސް ބަލި މީހާ ނަގައިގެން އުނގޫފާރަށް އަންނަން ވީމާ ހޭދަވޭ ވަރަށް ގިނަ ވަގުތު."
ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަޒީޒް ރިފާއު ވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އަތޮޅު ތެރޭގައި އޮންނަ ފެރީ ނިޒާމުގެ ސަބަބުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދަންދާ ބަލި މީހުންނަށް ދިމާވާ އުނދަގޫތަކެވެ.
"މިހާރު މި އޮންނަ ފެރީ ނިޒާމު އަންނަން ވީމާ، ތިނަދޫއާ އެންމެ ދުރުގައި އޮންނަ ގދ. ގައްދޫ އިން ފުރައިގެން މި ރަށަށް އަންނަން އެ ރަށުގެ މީހުން ފަތިހު 5:30 ގައި ފުރައިގެން އާދެވެނީ ގާތްގަނޑަކަށް 10 ޖަހާއިރު. އަނެއްކޮޅުން 1:30 ގައި އެ މީހުން ފުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ އެ މީހުން ހޮސްޕިޓަލަށާއި އެހެން ޒަރޫރީ ބޭނުންތަކަށް ތިނަދު އަށް އައިސް އުޅެން މި ލިބެނީ އެންމެ ތިން ގަޑިއިރެއްހާއިރު."
- ހޮސްޕިޓަލުތަކުން ބޭނުންކުރާ އާސަންދަ ޕޯޓަލް "ވިނަވި" ޔޫސާ ފްރޭންޑްލީ ނުވުން.
- އައިޑީކާޑުގެ އަސްލު ދައްކައިގެން ނޫން ގޮތަށް އާސަންދަ ނުލިބުން.
- ލައިސެންސް ކާޑު ފަދަ، ކާކުކަން އަންގައިދޭ އެހެން ކާޑުތައް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުން.
- އާސަންދަ ރިފަރަލް އިން އައިޖީއެމްއެޗު ނޫން އެހެން ހޮސްޕިޓަލަކަށް ދެއްކޭނެ ގޮތެއް ނެތުން.
- ހަމައެކަނި މޯލްޑިވިއަން އެއާލައިން އިން ދަތުރުކުރަން އާސަންދަ ލިބުން.
ބައެއް ހޮސްޕިޓަލުތަކުން ބުނި ގޮތުގައި، ބައެއް ފަހަރު ބަލި މީހުން ގެންދާނެ ދަތުރުފަތުރުގެ ނިޒާމެއް ހަމަނުޖެހިގެން ދެ ތިން ދުވަސް ވަންދެން ވެސް ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި ބާއްވަން ޖެހޭ ފަހަރު ދިމާވާ ކަމަށެވެ. ބަލި މީހުން އުފުލަން އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ވެސް ފަސޭހައިން ހަމަނުޖެހޭ ކަމުގެ ޝަކުވާ ވެސް ހޮސްޕިޓަލްތަކުގެ ވެރިން ކުރެއްވި އެވެ.