ބޮޑު އީދަށް ފުވައްމުލަކަށް ދަތުރުތައް އިތުރުކޮށްފި
ބޮޑު އީދަށް ފުވައްމުލަކަށް ދަތުރުތައް އިތުރުކޮށްފި

ފުވައްމުލަކަށް ކުރާ ދަތުރުތައް، ބޮޑު އީދާ ދިމާކޮށް މޯލްޑިވިއަން އެއާލައިނުން އިތުރުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ އެއާލައިނުން ބުނީ އަންނަ ބުރާސްފަތި ދުވަހު ފުވައްމުލަކަށް އިތުރު ދަތުރުތައްކުރާނެ ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު ފުވައްމުލަކަށް ކުރަނީ ދުވާލަކު ދެ ދަތުރެވެ.

މިދިޔަ ހަފުތާގައި މޯލްޑިވިއަން އިން ވަނީ ހއ. ހޯރަފުއްޓާއި ށ. ފުނަދޫ، ތ. ތިމަރަފުށި އަދި ލ. ކައްދުއަށް ދަތުރުތައް އިތުރުކޮށްފަ އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި، ޑިމާންޑް އޮތް ވަރަށް ބަލައި، މި މަހު 26 އާއި އަންނަ މަހު 16 އާ ދެމެދު އަދިވެސް ފްލައިޓްތައް އިތުރުކުރާނެ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ޖުލައި މަހު 9 އެވެ. ހައްޖުދުވަހާއި އީދު ދުވަސްތައް އަދި ހަފްތާ ބަންދާއެކު ނުވަ ދުވަސް ލިބޭ މި ޗުއްޓީގައި ތަންތަނަށް ދަތުރުކުރުމަށް، ވައިގެ މަގުންނާއި ކަނޑުމަގުން ގިނަ ބަޔަކު އަންނަނީ ޓިކެޓް ނަގަމުންނެވެ.

ރާއްޖޭގެ 14 މަންޒިލަކަށް ދަތުރުކުރާ މޯލްޑިވިއަންގެ އީދުތެރޭ ގިނަ ދަތުރުތައް ވަނީ މި މަސް ދެބައި ނުވަނީސް ފުލްވެފަ އެވެ.