01 ޖެނުއަރީ 2017 - 06:42

ގދ. ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުނީ 2016 ގަ އެވެ. ތިނަދޫ ފަޅުކޮށްލުމާއި އަލުން އާބާދުވިތާ 50 އަހަރު ފާހަގަކުރަން ވަރަށް ވަރުގަދަ ފިލްމެއް ހަދަން ތިނަދޫ ކައުންސިލުން މަސައްކަތް ކުރި އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، އަބްދުލް ފައްތާހް ޑައިރެކްޓްކުރަން ހަމަޖެއްސި ފިލްމް "1962: ތެނަދޫ" އެންމެ ފަހުގެ ތައްޔާރީތައްވަމުން ދަނިކޮށް ހޯމް މިނިސްޓްރީން ވަނީ މަސްލަހަތު ގެއްލި ދާނެ ކަމަށް ބުނެ އެ ފިލްމް ހުއްޓުވައިފަ އެވެ.

އެހެންވެ ތިނަދޫ ކައުންސިލުން ފެށި މި ތާރީހީ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެކަމާ އެތައް ބަޔަކު ތިބީ މާޔޫސްވެފަ އެވެ.

ދެން މައްސަލައެއް ނެތެވެ. ތިނަދޫ އަލުން އާބާދުވުން ފާހަގަކުރުން މިހާރު މި ވަނީ 2017 އަށް ފަސް ވެސް ކޮށްފަ އެވެ. އެކަމާ ގުޅޭ ހަރަކާތްތައް މިހާރު ފަށާ ގޮތަށް އޮތީ ފެބްރުއަރީ މަހުގެ 4 ގަ އެވެ.
އެ ހަރަކާތުގެ ތެރެއަށް އަނެއްކާ ވެސް މި ވަނީ ފިލްމެއްގެ ވާހަކަ އައިސްފަ އެވެ. އެކަމަކު ކުރިން ހަދަން ނިންމި ފިލްމާ އެއްވެސް ގުޅުމެއް ނެތް، މުޅިން ތަފާތު ކޮންސެޕްޓަކަށް މުޅިން އެހެން ބަޔަކު ހަދާ ކުރު ފިލްމެކެވެ. ދިހަ މިނިޓްގެ މި ކުރު ފިލްމުގެ ޝޫޓިން ހުކުރު ދުވަހު ވަނީ ނިންމާލައިފަ އެވެ.
ވަކި ނަމެއް އަދި ދީފައި ނުވާ މި ފިލްމަކީ ބޮޑުމަސް ބޭނުމާ ބެހޭ ގޮތުން ތައްޔާރު ކުރާ ފިލްމެކެވެ. ކުރީގައި އެކަން ކުރާ ގޮތް ދައްކުވައިދޭއިރު، މި ޒަމާނާއި ކުރީ ޒަމާން ފިލްމުން ފެންނާނީ މަސްހުނިކޮށެވެ.
މި ފިލްމަކީ ތިނަދޫ އަލުން އާބާދުވި ހަރަކާތަށް އެ ރަށު ފޮޑަހާޑާ ޕްރޮޑަކްޝަނުން ހަދާ ފިމްކެވެ. އެ މީހުންނަކީ މިކަހަލަ މަސައްކަތްތަކަށް އެއްގޮތަކަށް ވެސް އާ ބައެއް ނޫނެވެ. މީގެ ކުރިން އެތައް ވީޑިއޯ ލަވައަކާއި ކުރު 13 ފިލްމް ފޮޑަހާޑާ އިން ވަނީ ތައްޔާރުކޮށްފަ އެވެ.
ބޮޑުމަސް ބޭނުމާ ބެހޭ ފިލްމަކީ ފޮޑަހާޑާގެ ފަޒީލްގެ މުހައްމަދުގެ ސްކްރީންޕްލޭއަކަށް، އިކްލީލް އާދަމް ޑައިރެކްޓް ކުރާ ފިލްމެކެވެ.
"މީގެ ޝޫޓިން މިހާރު މި ވަނީ ނިމިފައި. މަންޒަރުތައް ނަގާފައި މި ވަނީ ތިނަދު އާއި މަޑަވެލީގައި،" ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރުގެ ޒިންމާ ވެސް ނަގަމުން އަންނަ ފަޒީލް ބުންޏެވެ. "ކުރިއަށް ދެން މިއޮތީ ޑަބިން އާއި އެޑިޓިން ކަހަލަ މަސައްކަތްތައް."
އޭނާ ބުނީ ފިލްމުގެ މަސައްކަތް ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހޭ. އަސްލު އެންމެ ބޮޑު ޗެލެންޖަކަށްވީ ކެމެރާ ކުރިމައްޗަށް އަރައި، އެކްޓް ކުރާނެ މީހުން ހޯދަން،" ފޮޑަހާޑާ އިން ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ފިލްމާ ބެހޭ ގޮތުން ފަޒީލް ބުންޏެވެ.
އެކަމަކު އެ މީހުންގެ ޓީމުން ބޭނުންވި ވަރަށް ފިލްމަށް އެކްޓަރުން ލިބުނެވެ. ފަޒީލް ބުނީ ފިލްމުން ހަތަރު ބަތަލާއިންނާއި 12 ބަތަލުން ފެންނާނެ ކަމަށެވެ.
ފޮޑަހާޑާ އިން ވަނީ މި ފިލްމް އާބާދީ 50 ހަރަކާތަށް ފަހު، އާންމުކޮށް ދައްކައިލަން ވެސް ނިންމައިފަ އެވެ.
"މި ފިލްމް ގިނަ ބަޔަކަށް ދައްކާލަން ވެސް ބޭނުންވޭ. އެހެންވެ އަހަރެމެން ވިސްނާފައި އެބަ އޮތް، ކޮންމެވެސް ލޯކަލް ޗެނަލަކަށް އެޕްރޯޗްކޮށްގެން، ފިލްމް ދެއްކޭނެ ގޮތެއް ހެދުން." ފަޒީލް ބުންޏެވެ.